Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

މައުމޫނަށް ހުތުރު ބަސް ރައްދު ނުކުރަން އެދެން: ޔާމީން

ދިވެހި ރާއްޖޭގެ ކުރީގެ ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމަށް ހުތުރު ބަސް ރައްދުނުކުރުމަށް ކޮއްކޯފުޅު، ރައީސް ޔާމީން ޕީޕީއެމްގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރޭ ޕީޕީއެމްގެ ބައްދަލުވުމުގައި ރައީސް މައުމޫން ދިވެހި ރާއްޖޭގެ ތަރައްގީއަށް ކުރެއްވި މަސައްކަތުގެ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ 30 އަހަރުގެ ތެރޭގައި އެމަނިކުފާނު ވަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރާއްޖެއަށް ގެނެސްދެއްވާފައި ވާކަމަށެވެ.

"ރައީސް މައުމޫން އަކީ 30 އަހަރުގެ ތެރޭގައި ރާއްޖެއަށް ވަރަށް ޚިދުމަތް ކުރެއްވި ބޭފުޅެއް. އަޅުގަނޑު އެދެން އަޅުގަނޑުމެންގެ ތެރޭގައި ވާހަކަދައްކާ އިރުވެސް އެމަނިކުފާނުގެ ޚިދުމަތައް އެއްވެސް ބަރުބަހެއް ނުބުނަން. ތާރީޚް ހެކިދޭ އެމަނިކުފާނު ރައްޔިތުންނަށް ކޮށްދެއްވާފަ ހުރި ޚިދުމަތް"

ނިމިގެންދިޔަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއެކު އެންމެ ގާތުން، އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ރައީސް މައުމޫން ވަނީ މިހާރު އެމަނިކުފާނުގެ ޕާޓީއިން ވެސް ބޭރުކޮށްލާފައެވެ.

ރައީސް މައުމޫން ވަނީ މީގެ ކުރިން ރައީސް ޔާމީން އެމަނިކުފާނާއި ބައްދަލުކުރެއްވުމަށްވެސް ދެކޮޅު ހަދާފައިވާ ކަމަށް ވިދާޅުވެފައެވެ. ވަރަށް ގިނަ ދުވަހު ރައީސް ޔާމީނަށް ނަސޭހަތްދެއްވުމަށް ހޭދަ ކުރެއްވި ކަމަށާއި ނަމަވެސް ނަސޭހަތް ގަބޫލުކޮށްފައިނުވާތީ އެމަނިކުފާނާއި އެއްކޮށް ނުހުރެވޭނެކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެ އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންފައެވެ.