ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުބޮޑު ވަނީ މި ސަރުކާރުގެ އިސްރާފު ބޮޑުވުމުން ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިގޮތަށް ވިދާޅުވީ މާލޭގައި އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"ހުރިހާ ރައްޔިތުން ވެސް މަގުތަކަށް ނިކުމެ އަޑު އިއްވަންޖެހޭ. މިއީ ވަރަށް އިސްރާފު ބޮޑު ސަރުކާރެއް. އެހެންވެ ތަކެތީގެ އަގުބޮޑުވަނީ"
– އަލީ އާޒިމް-
އާޒިމް ވިދާޅުވި ގޮތުގައި މި ސަރުކާރަކީ އާދަޔާ ޚިލާފަށް އިސްރާފް ބޮޑު ސަރުކާރެއް ކަމަށެވެ. ރައްޔިތުންގެ އަތުން ނަގާ ޓެކްސް އިތުރުވެގެންދަނީ އިސްރާފު ބޮޑުވެގެން ކަމަށާއި ސަރުކާރުގެ މޫނުމަތި ރީތި ކުރަން ތަފާތު ގިނަ ކޮންސަލްޓަލްޓުން ގެނެސްގެން ސަރުކާރުގެ މޫނުމަތި ރީތި ކުރަން އެބަ މަސައްކަތް ކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އެފަދަ ކިތަންމެ މަސައްކަތްތަކެއް ކުރި ނަމަވެސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވި ގޮތުގައި ރައީސް ޔާމީން ހުރިހާ ކަމެއް ވެސް ނިންމަވަނީ ކޯޓުން ކަމަށެވެ. ޕާޓީ ދަމައިގަތީ ކޯޓުން ކަމަށާއި އަދި މިފަދަ ކަންކަމަކީ ރައްޔިތުންނަށް އެނގޭ ކަންކަން ކަމުގައި އާޒިމް ވިދާޅުވިއެވެ.