Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

"ފެންނަނީ އަނިޔާވެރިކަން ހައްދު ފަހަނައަޅާފައިވާ މަންޒަރު"

މިހާރު ދިވެހި ރައްޔިތުންނަށް ފެނިގެން މިދަނީ މި ސަރުކާރުގެ އަނިޔާވެރިކަން ހައްދު ފަހަނަޅައިގެން ގޮސްފައިވާ މަންޒަރު ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވި ގޮތުގައި ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނަޅާފައި ވާއިރު އެކަން ސިފަކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

"މިގައުމުން ފެނިގެން މިދަނީ އަނިޔާވެރިކަން ހައްދު ފަހަނަޅައިގެން ގޮސްފައިވާ މަންޒަރު. މިއަނިޔާވެރިކަން ސިފަ ކުރެވޭނެ ގޮތެއް ނެތް. މިސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދެއްކޭނެ ވާހަކައެއް ނެތް. ބަހުގައި ބަހެއް ނެތް. މިގައުމުގައި ހިނގާ ކޮރަޕްޝަން ބަޔާން ކުރާނެ ގޮތެއް ނެތް. އައު ބަހުރުވައެއް ހޯދަން ޖެހޭ ހިސާބަށް މިއޮތީ ގޮސްފައި."

އަނިޔާވެރިކަން އައުމުން އިސްޖަހައިގެން ނުތިބެ އެކަމާއި ދެކޮޅަށް ހައްގު ބަސް ބުނަން ޖެހޭ ކަމަށާއި އެފަދައިން އަމަލު ކުރަން ފަށައިފި ނަމަ ގައުމުގައި އަނިޔާވެރިކަން ނޯންނާނެ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑާރ ޤާސިމް އިބްރާހިމް އަށް ދައުވާކޮށްފައި ވަނީ ބަހެއް އިއްވައިގެން ކަމަށެވެ. އަދި އިމްރާން ޖަލުގައި އޮންނެވީ ވެސް ބަހެއް ބުނެގެން ކަމަށާއި އެކަމުން ވެސް ބަހަކީ ބާރުގަދަ އެއްޗެއްކަން އެނގޭ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.