ރައީސް އަބްދުﷲ ޔާމީނަކީ އިކޮނޮމިސްޓެއްކަމަށް ވިދާޅުވާ ވިދާޅުވުމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ޙުސައިން ފާޑުވިދާޅުވެއްޖެއެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އަލީ ހުސެއިން ވިދާޅުވީ ރައްޔިތުން ޑިމާންޑްކުރަނީ އިންސާފު ޤާއިމްކޮށްދިނުމަށް ކަމަށެވެ. އެހެން ނަމަވެސް ސަޕްލައި ކުރައްވަނީ އަނިޔާވެރިކަމާއި ބޭއިންސާފު ކަމަށެވެ.
"މި ހުންނެވި ރައީސް. އިކޮނޮމިސްޓް ސަޕްލައި ކުރައްވަނީ ބޭއިންސާފާއި އަނިޔާވެރިކަން. ބޭއިންސާފާއި އަނިޔާވެރިކަން ސަޕްލައި ކުރައްވަނީ އެކަމަކު ރައްޔިތުން ޑިމާންޑް ކުރަނީ އިންސާފަށް."- އަލީ ހުސައިން-
އަލީ ހުސައިން ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވަނީ އުފާފާގަތިކަމާއި ފަސޭހަކަމާއި އެކީގައި އެމީހުންނަށް އެކަށީގެންވާ ހައްގުތައް ލިބިގެން ހަމަޖެހޭ ދިރިއުޅުމެއް އުޅެން ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން އާދައިގެ ރައްޔިތަކަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ.
" ކާޑުގެ އަގުވީ ބޮޑު. ކަރަންޓުގެ އަގުވީ ބޮޑު. ޓެކްސްފީ ބޮޑު. މަސްވެރިންނަކަށް ފައިސާއެއް ނުދެވުނު ދަނޑުވެރިންނަކަށް ފައިސާއެއް ނުދެވުނު. މަސައްކަތްތެރިންނަށް ދޭން ބުނި އެއްޗެއް ނުދެވުނު. އަދި ޒުވާނުންނަށް ދޭން ބުނި އެއްޗެއް ނުދެވުނު"- އަލީ ހުސައިން-
ރައްޔިތުން ޑިމާންޑް ކުރާ އެއްޗަކާ ރައީސުލްޖުމްހޫރިއްޔާ ސަޕްލައިކުރައްވާ އެއްޗަކާ ދިމާ ނުވާ ކަން ފާހަގަކުރައްވައި އަލީ ހުސައިން ވިދަޅުވީ ރައީސުލްޖުމްހޫރިއްޔާ އަކީ ކޮންކަހަލަ އިކޮނޮމިސްޓެއް ކަން އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.