ކިތަންމެ ބިރެއް ދައްކައި ޖަލަށްލިނަމަވެސް އިދިކޮޅު ހަރަކާތްތައް ދެނެއް ރައީސް ޔާމީނަކަށް ނުހުއްޓުވޭނެކަމަށް ޖުމްހުޜި ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެެވެ.
މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ތުހުމަތުގައި ދައުވާ ކުރުމަށް ގާސިމްގެ މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނިކޮށް ރޭ އިދިކޮޅު ޕާޓީތައް ގުޅިގެން ޖުމްހުރީ ޕާޓީގެ މައި ޖަގަހަ ކުނޫޒްގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ "މާދަމާ އަޅުގަނޑު ޖަލަށް ލެވިދާނެ" ކަމަށާއި، ނަމަވެސް މި ހަރަކާތް ނުހުއްޓުވޭނެކަމަށެވެ.
ގާސިމް ވިދާޅުވީ ރައީސް ޔާމީން އާއި އެކު މިހާރު ތިއްބެވި މަޖްލިސް މެމްބަރުންވެސް މާލަސްތަކެއް ނުވެ، އިދިކޮޅު ފަރާތްތަކާއި ގުޅޭނެކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މިތަން ފަސާދަ ކުރައްވަން ނޫޅުއްވައި މިތަނުން ފުރާވަޑައިގަތުން މާ ރަނގަޅު ކަމަށެވެ.
"މި ރޫހު މަރައެއް ނުލެވޭނެ އިނގޭތޯ. އަޅުގަނޑު ދަންނަވަން އޮތީ މަނިކުފާނު ފުރާވަޑައިގަންނަވާށޭ މިތަން ދޫކޮށްލައްވާފައި. މިތާ ފަސާދަ އުފައްދަން ނޫޅުއްވާށޭ. ރައްޔިތުންނަށް އަނިޔާކުރައްވަން ނޫޅޭށޭ. އެކަން ނުކުރެއްވޭނެ އިނގޭތޯ،"
ރޭގެ ޖަލްސާގައި ދާދި ފަހުން އިދިކޮޅު ފަރާތްތަކާއި ގުޅުނު ގއ. ވިލިނގިލީ ދާއިރާ މެމްބަރ ސައުދު ހުސެއިންވެސް ބައިވެރި ވަޑައިގެންނެވިއެވެ.
ސައުދުއަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ ސައުދު ފަދައިން ޖުމްހުރީ ޕާޓީ އާއި އެމްޑީޕީން ދިޔަ މެމްބަރުން ވަރަށް އަވަހަށް އައިސް ގުޅޭ މަންޒަރު ފެންނާނެކަމަށެވެ.