Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

ސްވައިން ފުލޫ އަށް އައްޑޫން މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުން ދިޔަ އެޗްވަންއެންވަން (ސްވައިން ފުލޫ) އަށް އައްޑޫން ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ ސީނިއާ ކޮމިއުނިޓީ ވޯކަރު މުހައްމަދު ނަޖީބް މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ހޮސްޕިޓަލުން ޝައްކު ކުރެވުނު ބަލި މީހެއްގެ ސާމްޕަލް މާލެ ފޮނުވައިގެން ޓެސްޓް ހެދި އިރު އެ މީހާގެ ސާމްޕަލް އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ނަޖީބް ވިދާޅުވީ ސާމްޕަލްގެ ނަތީޖާ ލިބުނު އިރު ވެސް އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

"ސީރިއަސް ކޭސްއެއް ނޫން. ޓެސްޓް ނަތީޖާ ލިބުނު އިރު ވެސް އޭނާގެ ހާލު ރަނގަޅުވަމުން އަންނަނީ،"

އެޗްވަންއެންވަން އަށް ޝައްކު ކުރެވިގެން ބައެއް ސާމްޕަލްތައް ވަނީ ހޮސްޕިޓަލުން ޓެސްޓް ކުރުމަށް މާލެ ފޮނުވާާލައިފަ އެވެ.

އައްޑޫން ކޭސްއެއް ފެނިފައި މި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ސްވައިން ފްލޫ ކޭސްތަކުގެ އަޕްޑޭޓްތައް އާއްމު ކުރުން ހުއްޓާލައި މި ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލާފައިވާ ދަނޑިވަޅެއްގަ އެވެ.

މިހާތަނަށް މި ބަލީގައި ހަ މީހަކު މަރުވެފައިވާ އިރު 222 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.