Last Updated: June 11, 22:21
Thursday, June 11, 2026

މި އަހަރު މިހާތަނަށް ރިލީޒްވި ފިލްމުތަކުގެ ތެރެއިން "100 ކްރޯޑް ކްލަބް" އަށް ވަން ފުރަތަމަ ފިލްމް "ރޭސް 2" ގެ ބޮޑު ކާމިޔާބީއެއް ފަހު، އެ ފިލްމުގެ ތިން ވަނަ ބައި އުފައްދަން ނިންމައިފި އެވެ.

ސަސްޕެންސް ތްރިލާ "ރޭސް 2" އަކީ 2008 ވަނަ އަހަރު ރިލީޒްވި ހިޓް ފިލްމް "ރޭސް" ގެ ސީކްްއެލްއެކެވެ. މި ފިލްމްގައި އެންމެ މުހިއްމު ރޯލެއް އަދާ ކުރާ އެކަކީ ސައިފް އަލީ ހާނެވެ.

"ރޭސް 3" އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސައިފް ބުނީ ހަމަ ޔަގީނުން ވެސް އެ ފިލްމް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށެވެ.
އެހެންވެ މިހާރު އިންތިޒާރު ކުރަމުން އަންނަނީ "ރޭސް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމްގެ ސްކްރިޕްޓް ޝިރާޒް އަހުމަދު ނިންމާނެ ވަގުތަކަށް ކަމަށް ސައިފް ބުންޏެވެ.

"ހަމަ ޔަގީން ރޭސްގެ ފުރަތަމަ ދެ ފިލްމާ ހިލާފަށް ރޭސްގެ ތިން ވަނަ ފިލްމް ވެގެން ދާނީ މާ ބޮޑަށް ވެސް ވަރުގަދަ ފިލްމަކަށް. އަދި މާ ބޮޑަށް ވެސް ސަސްޕެންސް އެކުލެވޭ ފިލްމަކަށް،" އައްބާސް/މަސްތާންގެ ޑައިރެކްޓް ކުރާ ފްރެންޗައިޒް އާ ބެހޭ ގޮތުން ސައިފް ބުންޏެވެ.

"ރޭސް" ގެ ފްރެންޗައިޒްގައި ސައިފްގެ އިތުރުން ރިޕީޓްވާ އަނެއް ތަރިއަކީ އަނިލް ކަޕޫރެވެ.
"ރޭސް" ގައި އަކްޝަޔޭ ކަންނާ އާއި ކެޓްރީނާ ކެއިފާއި ސަމީރާ ރެޑީގެ އިތުރުން ބިޕާޝާ މުހިއްމު ރޯލްތަކެއް އަދާ ކުރި ނަމަވެސް "ރޭސް 2" ގައި ލީޑްކޮށްފައި ވަނީ ދީޕިކާ ޕަދްކޯން، އަމީޝާ ޕަޓޭލް، ޖެކޮލިން ފެނާންޑޭޒް އަދި ޖޯން އަބްރަހަމް އެވެ.