ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައުތު ރީޖަނަލް އޮފީސް ރަސްމީކޮށް މިއަދު ހަވީރު ހުޅުވައިފި އެވެ.
ހިތަދޫ ބޮޑުމަގުގައި ހުންނަ ވެމްކޯގެ ސައުތު ރީޖަނަލް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި ވެމްކޯގެ މެނޭޖިންގ ޑައިރެކްޓަރާއި ޗެއާ ޕާސަނާއި އަދި އައްޑޫގައި ތިބި އެކި މުއައްސަސާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ސައުތް ރީޖަން ފެސިލިޓީސް މެނޭޖަރު އަބްދުﷲ ނާފިޒް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކުންފުނީގެ އައްޑޫގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
"ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބްރާންޗުގެ އަމަލީ މަސައްކަތް ފަށައި ގެތަކުން ކުނި ނެގޭނެ ނިޒާމެއް ގާއިމްކުރެވިފައި މިވަނީ. މިކަމަށް އައްޑޫގެ ރައްޔިތުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރަން." އަބްދުﷲ ނާފިޒް ވިދާޅުވިއެވެ.

ވެމްކޯގެ އޮފީސް ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މެންބަރު އިބްރާހިމް ދީދީ ވަނީ އައްޑޫގެ ރަށްތައް ސާފު، ރީތި ރަށްތަކަށް ހެދުމަށް ވެމްކޯއަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.
ވެމްކޯގެ ޗެއާޕާސަން އަލީ ޚާލިދު ވަނީ ވެމްކޯ އުފެދިގެން އައި ގޮތާއި ކުންފުނީގެ ޅަދުވަސްވަރުގައި ދިމާވި ގޮންޖެހުންތަކާއި ގޮންޖެހުންތައް ފަހަނަޅައި މިހާހިސާބަށް ވާސިލުވުމަށް ކުރި މަސައްކަތަށް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލިއަޅުވާލާފައެވެ.
އެގޮތުން ދިވެހިންގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ބަރޯސާވުމަށް އޮތް ވިސްނުން ބަދަލުކޮށް ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ވަރަށް މަދު ސާމާނުތަކާއި އެކު މާލެ ސިޓީއަށް ދިމާވެފައި އޮތް ކުނީގެ ބޮޑު، ބިޔަ މައްސަލަ ހައްލުކުރުމަށް އެކުންފުނިން ކުރި މަސައްކަތްތަކުގެ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު، އިބްރާހިމް ފުއާދު ވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި މާލޭ ސިޓީ ކައުންސިލުން ކުންޏާއި މެދު އިހުމާލުވެފައިވާ މިންވަރަށް އަލިއަޅުވާލައި އޭރުގެ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ފުއާދު ވިދާޅުވެފައިވަނީ އޭރު ކުނި މެނޭޖް ކުރުމަށް ގަނެފައި ތިބި ގިނަ އަދަދެއްގެ ވެހިކަލްތައް ކައުންސިލްގެ އިހުމާލުން ހަލާކުވެ ދައުލަތުން ކުނި މެނޭޖު ކުރުމަށް މަހެއްގެ މައްޗަށް 12 މިލިއަން ރުފިޔާ ޚަރަދުކޮށް ވެހިކަލްތައް ކުއްޔަށް ހިފާފައިވާ ކަމަށެވެ.

ފުއާދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަފްތާގައި ހުޅުމީދޫ ކުނި މެނޭޖްކުރުމުގެ މަޝްރޫއު ފެއްޓުމަށް ވެމްކޯއިން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މޭއި މަހުގެ 1 ވަނަ ދުވަހު ފުވައްމުލަކު ސިޓީގެ ކުނި މެނޭޖް ކުރުމުގެ މަޝްރޫއު ފެށިގެން ދާނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
ވެމްކޯ އިން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ގޭބިސީތަކުން އުފެދޭ ކުނި ނެގުމުގެ ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީކުރުމަށް ފުރުސަތު ހުޅުވާލާފައެވެ.
އަދި ކުނި އުކާލުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ބައެއް ވެހިކަލްތައް ވެސް ވެމްކޯ އިން ވަނީ އައްޑޫއަށް ގެނެސްފައެވެ.