ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ގާސިމް ހައްޔަރުކޮށްފައިވަނީ މ. މާފަންނުވިލާއިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ދޫނިދޫއަށެވެ.
ގާސިމް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކައިރިވެފައިވަނިކޮށް އެވޯޓު އަނބުރާލުމަށްޓަކައި މެމްބަރުންނަށް ރިޝްވަތުގެ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވި ކުރާ ތަހުގީގަކަށް ކަމަށް ފުލުހުންނަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ވެއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށާއި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ރިޝްވަތުގެ ތުހުމަތުގައި ފުލުހުން ވަނީ މީގެ ކުރިން ދެފަހަރެއްގެ މަތިން ގާސިމް އެއިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި މިއަދު ޕީޖީ އޮފީހަށް ފޮނުވި މައްސަލަ ތަހުގީގަށް ބައެއް އިތުރު ކުރުމަށް ބުނެ އަނބުރާ ފުލުހުންނަށް ފޮނުވައިދިނުމަށް އެދުމުން ޕީޖީ އިން ވަނީ ފުލުހުންގެ އެދުމުގެ މަތިން އަނބުރާ ފޮނުވާފައެވެ.
މިރޭ ގާސިމް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު އަނބުރާލުމަށް ރިޝްވަތު ދިނުމުގެ ތުހުމަތުގެ އިތުރުން ދައުލަތުގެ ދިފާއީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.
ގާސިމްގެ ވަކީލުންނަށް ވަނީ މިހާރު ދޫނިދޫގައި ގާސިމްއާއި ބައްދަލުކުރުމަށް ދިއުމަށް އެދުމުން އެފުރުސަތު ހޯދައިދީފައެވެ. ގާސިމްގެ ހައްޔަރާއެކު އޭނާގެ ސަޕޯޓަރުން ވަނީ މަގުތަކަށް އެއްވެ އެކަމާ ދެކޮޅަށް މުޒާހަރާކުރަން ފަށާފައެވެ.