ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރުން ކުރީގެ ރައީސް ނަޝީދު ކުށްވެރިކޮށްފިއެވެ.
ނަޝީދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހުރިހާ ދިވެހި ރައްޔިތުންވެސް މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރުމަށް ގޮވާލާކަމަށެވެ.
Strongly condemn the arrest of JP leader Hon. Gasim Ibrahim. Urge all Maldivians to come out and protest.
— Mohamed Nasheed (@MohamedNasheed) April 6, 2017
ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ އިދިކޮޅު ޕާޓީތަކުން ބޭއްވި ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައާއި ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުގައެވެ.
ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓު އަނބުރާލުމުގެ ގޮތުން މެމްބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމާއި ދައުލަތުގެ ދިފާއީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވާކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ގާސިމް ހައްޔަރުކުރުން ކުށްވެރިކޮށް މާލޭގެ މަގުތަކަށް އެއްވާން ފަށާފައެވެ.