Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ގާސިމް މިނިވަން ކުރަން ގޮވާލައި މާމިގިލިގައި މުޒާހަރާ ކުރަނީ

photo: Twitter

ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމުން މާމިގިލި ރައްޔިތުން ގާސިމް މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މާމިގިލި ޕޮލިސް ސްޓޭޝަނު ކުރިމައްޗަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ޕޯސްޓަރު ހިފައިގެން ނިކުމެ އެއްވެފައިވާއިރު ޕޯސްޓަރުތަކުގައި ރައީސް ޔާމީން އިސްތިއުފާއަށް ގޮވާފައިވެއެވެ.

ގާސިމްގެ ސަޕޯޓަރުން ދާއިރާގެ މެމްބަރުގެ ހައްގުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ހަރު އަޑުން ގާސިމް މިނިވަން ކުރުމަށް ގޮވަމުންދާއިރު އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރެއް ފެނިފައިނުވެއެވެ.

މާމިގިލި ރައްޔިތުން ސުލްހަވެރި މުޒާހަރާއަށް ނިކުމެފައިވާއިރު ޖުމުހޫރީ ޕާޓީގެ ހަރުގޭ ދޮށުގައިވެސް އިދިކޮޅު ފަރާތްތަކުން އެއްވެ މުޒާހަރާ ކުރަން ވަނީ ނިކުމެފައެވެ.

އިދިކޮޅު އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު މިރޭ މުޒާހަރާ ކުރުމަށް ގޮވާލާފައިވާއިރު އެމްޑީޕީ އާއި ޖޭޕީ އިން ވަނީ ސީދާ ހަރަކާތަށް ނިކުތުމަށްވެސް ފާސްކޮށްފައެވެ.