Last Updated: April 30, 14:02
Wednesday, April 30, 2025
ޚަބަރު

ސިއްހަތު ދުވަހާއި ގުޅިގެން ހިތަދޫ ސާފުކުރަނީ

ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ހިތަދޫގެ "ބޮނޑަފަންނަ" ސަރަހައްދު ސާފުކުރަން ތިން ޖަމިއްޔާއަކުން އިސްނަގައިގެން ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

ޖޭސީއައި އައްޑޫއާއި އެފްސީ ޒެފިއާ އަދި އީޒީ، ސޭވް ދަ ބީޗް، ސޭވް ދަ ރީފްއާއި ގުޅިގެން ބާއްވާ މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައި ހިތަދޫ ޒިޔާރަތްފަންނަ ސަރަހައްދުންނެވެ.

މި ހަރަކާތް އިންތިޒާމް ކުރައްވާ ފަރާތުން "އައްޑޫލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިއަދުގެ ހަރަކާތުގައި އިންތިޒާމް ކޮށްފައިވަނީ ޒިޔާރަތްފަންނަ އާއި ހިތަދޫ ސްކޫލާއި ދިމާލުން ފުއްޓަރު ފަރާތް ސަރަހައްދު ސާފުކުރުމަށް ކަމަށެވެ.

ހިތަދޫގެ ވީހާ ވެސް ގިނަ ރައްޔިތުން މިހަރަކާތުގައި ބައިވެރިވެ، ވެށި ސާފުކުރުމަށް ވަޑައިގަތުމަށް ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ.

ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާތަކާއި ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް މިއަހަރު ތެރޭ ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެފްސީ ޒެފިއާއިން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް މިފަދަ ހަރަކާތްތައް ކާމިޔާބުކަމާއެކީ ކުރިއަށް ގެންދިއުމަށް އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.