Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

"ޔާމީނަކީ 21 ވަނަ ގަރުނުގެ ގަޓުހުރި ރައީސެއް"

ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަކީ 21 ވަނަ ގަރުނަށް ލޯ ހުޅުވިފައިވާ ފިސާރި ގަޓުހުރި ރައީސެއް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިންމަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ލީޑަރު، ގާސިމް އިބްރާހިމް ހައްޔަރުކުރުމުން ރައީސް ޔާމީނަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.

"21 ވަނަ ގަރުނަށް ލޯ ހުޅުވިފައިވާ ފިސާރި ގަޓުހުރި ރައީސެއް ޔާމީނަކީ. މިކަން އެންމެ ރަނގަޅަށް އިނގޭނީ ރާއްޖެ ހަލަބޮލިކުރަން އުޅޭ މީހުނަށް."

ގާސިމް ހައްޔަރުކުރުމާއެކު ބޭރުގެ ފަރާތްތަކުގެ ނަޒަރު ދިވެހި ރާއްޖެއަށް ހުއްޓިފައިވާ މިދަނޑިވަޅުގައި ޕީޕީއެމްގެ ޕީޖީ ލީޑަރު ރައީސް ޔާމީން ދިފާއު ކުރައްވައި ވާހަކަ ދައްކާފައިވާއިރު ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގައި ސަރުކާރާއި އިދިކޮޅަށް ތިއްބެވި ހުރިހާ ފަރާތްތަކުން ވަނީ ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ގޮވާލާފައެވެ.

ގާސިމްގެ ބަންދުގެ މުއްދަތަށް ގޮތެއް ކަނޑައެޅުމަށް މިއަދު ހަވީރު 4:00 ގައި ކޯޓަށް ހާޒިރުކުރުމަށް ނިންމާފައިވާ ކަމަށް ގާސިމްގެ ވަކީލުން ވަނީ މައުލޫމާތު ދީފައެވެ. ގާސިމް ކޯޓަށް ހާޒިރުކުރާއިރު އޭނާގެ ސަޕޯޓަރުން ކޯޓު ކައިރިއަށް އެއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.