Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ގާސިމް ކޯޓަށް ހާޒިރުކޮށް ބަންދަށް ހަ ދުވަސް ޖަހައިފި

ރިޝްވަތުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކޮށްފިއެވެ.

ގާސިމް ދޫކޮށްލުމަށް ގޮވާލާ ގިނަ ބަޔަކު ވަނީ ސަލްސާ ރޯޔަލް ކައިރިއަށް އެއްވެ އަޑުއުފުލާން ފަށާފައެވެ. އެއްވެފައިވާ މީހުންގެ ތެރޭގައި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހިމެނިވަޑައިގަންނަވައެވެ.

photo: MDP

މިސަރަހައްދަށް މިހާރު ގިނަ ބަޔަކު ވަނީ އެއްވެފައެވެ. ފުލުހުން ވަނީ މީޑިޔާ ކޯޓު ސަރަހައްދުން ދުރަށް ޖައްސާލާފައެވެ.

ކްރިމިނަލް ކޯޓުން ވަނީ ގާސިމްގެ ބަންދުގެ މުއްދަތު ހަ ދުވަހަށް އިތުރުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު އަނބުރާލުމަށް މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތު ވަނީ ގާސިމްގެ މައްޗަށް ކުރެވިފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމާއި ދައުލަތުގެ ދިފާއީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ފުލުހުން ވަނީ ގާސިމްގެ މައްޗަށް ތުހުމަތުކޮށްފައެވެ.

ރޭ ގާސިމް ހައްޔަރުކޮށްގެން އޭނާ ބަންދުކޮށްފައިވަނީ ދޫނިދޫ ޖަލުގައެވެ.