Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ފޭދޫ އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެއްޖެ

އިދިކޮޅު ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމާއި ގުޅިގެން އައްޑޫ ސިޓީގެ ފޭދޫ އެމްޑީޕީ ހަރުގޭގައި އެކްޓިވިސްޓުން ހަރަކާތްތެރިވަމުންދަނިކޮށް ފުލުހުން ހަރުގެއަށް ވަދެއްޖެއެވެ.

މިއަދު ހަވީރުވެސް ފުލުހުން ފޭދޫ ހަރުގެއަށް ގޮސް އެތަނުގައި ހިންގާ ސިޔާސީ ހަރަކާތް ހުއްޓުވުމަށް މަސައްކަތްކޮށްފައިވާ ކަމަށް "އައްޑޫލައިވް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުން އެމްޑީޕީ ހަރުގެއަށް ވަނުމުން ފުލުހުންނާއި އެމްޑީޕީ މެންބަރުންނާއި ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގިއެވެ. އެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް އެމްޑީޕީ ފޭދޫ ދާއިރާގެ ނައިބު ރައީސް މުހައްމަދު ސައީދު (ދަގަނޑާ) ގެންދިޔައެވެ.

އެހެން ނަމަވެސް މިހާރު އޭނާ ފުލުހުންގެ ބަންދުން ވަނީ ދޫކޮށްލާފައެވެ.

މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދާލުމަށް 'އައްޑޫލައިވް' އިން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.