Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ކުނޫޒް ހުންނަ މަގު ކުއްލި ގޮތަކަށް ކޮންނަން ޖެހިއްޖެ

ޖޭޕީގެ ޖަގަހަ ހުންނަ މަގު ކޮންނަން އެ ސަރަހައްދަށް އެކްސްކަވޭޓަރެއް ފޮނުވުން. އައްޑޫލައިވް ފޮޓޯ: ހަނާން

ޖުމުހޫރީ ޕާޓީގެ ހަރުގެ ކުނޫޒް ހުންނަ ފަނޑިޔާރުމަގު ކޮންނަން އެކްސްކަވޭޓަރުތައް ގެންގޮސްފިއެވެ.

އިދިކޮޅު ފަރާތްތަކުން ގާސިމް އިބްރާހިމް ހައްޔަރުކުރުމާއި ގުޅިގެން އެސަރަހައްދަށް އެއްވެ އަޑު އުފުލަމުން ދަނިކޮށް ހައުސިންގ މިނިސްޓްރީ އިން އެކްސްކެވޭޓަރަކާއި ލޮރީއެއް އެސަރަހައްދަށް މިހާރު ވަނީ ގެންގޮސްފައެވެ.

އެސަރަހައްދުގައި ހުރި "އައްޑޫލައިވް" ގެ ނޫސްވެރިޔާ މައުލޫމާތު ދީފައިވާ ގޮތުގައި މިހާރު އެސަރަހައްދުގައި ޕާކްކޮށްފައި ހުރި ވެހިކަލްތައް އެސަރަހައްދުން އެއްފަރާތް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މަގުކޮންނަން ދިޔަ ވެހިކަލް އެ މަގަށް ވެއްދުމަށް ކުނޫޒް ކައިރިއަށް އެއްވެ ތިބި އާންމުން ވަނީ ހުރަސް އަޅާފައެވެ. އެ ސަރަހައްދުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ސިޔާސީ ހަރަކާތްތައް ބޭއްވުމަށް ހަމަޖައްސާފައިވާ މައި މަރުކަޒަކީ ކުނޫޒްއެެވެ.

ހައުސިންގ މިނިސްޓްރީގެ ވެހިކަލްތައް އެ ސަރަހައްދަށް ގެންގޮސްފައި މިވަނީ ކުނޫޒްގައި ގާސިމްގެ ލޯޔަރުން ޕްރެސް ކޮންފަރެންސެއް ބާއްވަމުން ދަނިކޮށެވެ.

2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުން އެމްއެމްއޭ ސަރަހައްދަށް ކޮންމެ ރެއަކު އެއްވެ މުޒާހަރާ ކުރަން ފެށުމުން މާލޭ ސިޓީ ކައުންސިލުން އެ ސަރަހައްދު ބަންދުކުރިއެވެ. މާލޭ ސިޓީ ކައުންސިލުން އޭރު ބުނެފައި ވަނީ އެ ސަރަހައްދު ބަންދު ކުރީ ފެރީޓާމިނަލެއް އެޅުމަށް ކަމަށެވެ.