Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

ގާނޫނާއި ހިލާފަށް ބާއްވާ އެއްވުންތައް ހުއްޓުވާނަން: ފުލުހުން

ގާނޫނާއި ހިލާފަށް ބާއްވާ އެއްވުންތައް ގާނުނުގެ އިމުގެ ތެރެއިން ހުއްޓުވާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގާނޫނު ނަންބަރު 2013/1 ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 1 ވަނަ އިސްލާހްގައި ބަޔާންވެގެންވާ ފަދައިން، އެ ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައި ވީނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުންދޭ ހުއްދައާއެކު ފިޔަވައި ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލޭގައި އެއްވުމެއް ބޭއްވޭނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއިން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށެވެ.

އެގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެނގުމަކާ ނުލައި ވެރިކަންކުރާ ރަށް މާލޭގައި އެއްވުން ބޭއްވޭނީ ހެންވޭރު އަލިމަސް ކާނިވަލް ސަރަހައްދުގައިކަން ހޯމް މިނިސްޓްރީން ކަނޑައަޅުއްވާފައިވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

"ވީމާ، އެއްވުން އިންތިޒާމުކުރާ ފަރާތްތަކުން އެއްވެއުޅުމުގެ ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ދަންނަވަމެވެ. އަދި މިގާނޫނާ ޚިލާފަށް އިންތިޒާމުކުރެވޭ އަދި ބޭއްވޭ އެއްވުންތައް ގާނޫނީ އިމުގެ ތެރެއިން ހުއްޓުވޭނޭ ވާހަކަވެސް ދަންނަވަމެވެ."

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުން ވަނީ މިއަދު ފޭދޫގެ އެމްޑީޕީ އޮފީސް ސަރަހައްދުގައި ހުރި މޭޒާއި ޖޯލިފަތި ނަގާފައެވެ. އަދި އެސަރަހައްދުގައި ބަހައްޓާފައިވާ ބޮޑު ސްކްރީން ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ހައްޔަރު ކުރުމާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައްޔިތުން މަގު މައްޗަށް ނިކުތުމަށް ގޮވާލާފައެވެ.