Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ދަންޖެހިގެން މަރުވުމަކީ "ބްރޭކިން ނިއުސް" އެއް ނޫން: ސުއޫދު

ދަންޖެހިގެން މަރުވާ މީހުންގެ ވާހަކަ ބައެއް މީޑިޔާތަކުން "ބްރޭކިން ނިއުސް" ގޮތުގައި ގެނެސްދެމުންދާތީ އެކަމާއި މެދު މަޝްހޫރު ޤާނޫނީ ވަކީލް ހުސްނުއް ސުއޫދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މީހަކު ދަންޖެހިގެން މަރުވުމަކީ ބްރޭކިން ނިއުސް އަށް އަރުވަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"މީހަކު ދަންޖެހިގެން މަރުވުމަކީ ބްރޭކިން ނިއުސް އަށް އަރުވަން ޖެހޭ ކަމެއް ނޫން ކޮޕީ ކެޓް ސުއިސައިޑް އަށް ހިތްވަރު ނުދިނުމަކީ މުހިއްމު ކަމެއް" ސުޢޫދުގެޓްވީޓްގައިވެއެވެ.

"ކޮޕީކެޓް ސުއިސައިޑާޒް" އަކީ މީޑިއާ އަކުން ހަބަރު ގެނެސްދޭ ގޮތަކުން އަމިއްލައަށް މަރުވުމަށް ހިތްވަރުލިބި ދަންޖެހޭ މީހުންނަށް ބޭރުގައުމުތަކުގައި ކިޔާ އުޅޭ ނަމެކެވެ.ދުނިޔޭގެ ބައެއް މަޝްހޫރު ޔުނިވާސިޓީތަކުން ކޮށްފައިވާ ދިރާސާތަކުން ހާމަވާ ގޮތުގައި ނޫސްތަކުގައި އަމިއްލައަށް މަރުވާ މީހުންގެ ސަބަބުން ކޮޕީކެޓް ސުއިސައިޑާސްގެ އަދަދު އިތުރުވެއެވެ.

އެގޮތުން ޔުނިވާސިޓީ އޮފް މެލްބޯންގެ ޕްރޮފެޝާ ޖޭން ޕާކިސްގެ ދިރާސާ “ސުއިސައިޑް އެންޑް ދަ އިންފޮމޭޝަން މީޑިއާ” އަށް ބަލާއިރު އެ ދިރާސާގައި ބުނެފައިވަނީ އަމިއްލައަށް މަރުވާމީހުންގެ ހަބަރުތައް ގެނެސްދޭއިރު ފަރުވާ ކުޑަކޮށްލެވޭނަމަ ކޮޕީކެޓް ސުއިސައިޑްސް އިތުރުވާ ކަމަށެވެ.