ޕީޕީއެމްގެ މައުމޫން ފެކްޝަނުގެ ސެކެޓްރީ ޖެނެރަލް، އަބްދުލް އަލީމްގެ ފޯނާއި ސިމްކާޑު އަދި އޭނާގެ މެމޮރީ ކާޑުތައް ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ކޯޓުން އަމުރު ނެރެފިއެވެ.
އަލީމްގެ ފޯނު ހިފެހެއްޓުމަށް އަމުރު ނެރެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒުފޯރުވައި، ރިޝްވަތު ދިނުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވިގެން ކަމަށް ކޯޓު އަމުރުގައިވެއެވެ.
ފުލުހުން މިހާރު އަލީމް ދިރިއުޅޭ ގެ ފާސްކުރުމަށް އޭނާގެ ގެއަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަލީމް ވަނީ ދާދި ފަހުން ކޯޓަށް ހާޒިރުކޮށް ކުރެވުނު ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ފުރުސަތު އަރުވާފައެވެ.
ކޯޓުން ވަނީ އަލީމްގެ ހުރިހާ ފޯނުތަކުގެ މެސެޖުތަކާއި ފޯނު ކޯލުތައް އަޑުއެހުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ. ތަހުގީގަށްޓަކައި ފޯނާއި ސިމްކާޑު އަދި އެހެނިހެން އިލެކްޓްރޯނިކް ޑިވައިސްތައް ފުލުހުންގެ ބެލުމުގެ ދަށުގައި ތިން ދުވަސް ވަންދެން ބެހެއްޓުމަށް ކޯޓު އަމުރުގައިވެއެވެ.