Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޖޯލިތަކާއި ގޮނޑި ނެގުމުން، ފޭދޫގެ އެމްޑީޕީ މެމްބަރުން ސަތަރި މަތީގައި

އައްޑޫ ސިޓީ ފޭދޫގައި ހުންނަ އެމްޑީޕީ އޮފީހުގެ ކުރިމަތީގައި ހުރި ޖޯލިތަކާއި ގޮނޑިތައް ފުލުހުން ގެންގޮސްފިއެވެ.

ފުލުހުން މިއަދު ހަވީރު އެމްޑީޕީ އޮފީހަށް ގޮސް އެ އޮފީސް ކުރިމަތީގައި ސްކްރީން ބަހައްޓައިގެން ޖަލްސާތައް ބެލުމަށް ނުތިބުމަށް ވަނީ އަންގާފައެވެ. އަދި އޭގެ ފަހުން އެސަހަރައްދުގައި ހުރި ޖޯލިތަކާއި ގޮނޑިތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ފޭދޫގައި ހުންނަ އެމްޑީޕީ އޮފީހަށް މިއަދު 3 ފަހަރެއްގެ މަތިން ފުލުހުން ވަނީ ގޮސްފައެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުން އެސަރަހައްދަށް ގޮސް އެމްޑީޕީ އޮފީސް ކުރިމަތީގައި ބަހައްޓާފައި ހުރި ހަލާކުވެފައިވާ ދެގޮނޑިއެއް ވެސް ވަނީ ގެންގޮސްފައެެވެ.

ފޭދޫ އެމްޑީޕީ އޮފީހުގެ ކުރިމަތީގައި ހުރި ހަލާކުވެފައިވާ ގޮނޑިތައް ފުލުހުންގެ ވެހިކަލަށް އަރުވާފައި.

ޖޯލިތަކާއި ގޮނޑިތައް ގެންދިއުމުން ފޭދޫގެ އެމްޑީޕީ މެންބަރުން މިރޭ އިދިކޮޅު ފަރާތްތަކުގެ ޖަލްސާ ބަލަން ތިބީ ބިންމަތީގައި ސަތަރި އަޅައިގެންނެވެ.

"ޖޯލި ނެގިއްޔާ ގޮނޑި އެބަހުރި. ގޮނޑި ނެގިއްޔާ މިހިރީ ސަތަރި. މި ނަގައިފިއްޔާ ބިންމަތީގައި އޮންނާނީ." ފޭދޫ އިން ވާހަކަ ދެއްކި އެމްޑީޕީ މެންބަރަކު ބުންޏެވެ.