Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ކުނޫޒް ހުންނަ މަގުގެ ފޮޓޯތަކުން ސޯޝަލް މީޑިޔާ ބަންޑުން ވަނީ!

ރާއްޖޭގެ ސިޔާސީ މަސްރަޚް ހޫނުވާ ކޮންމެ ފަހަރަކު ޓްވިޓަރގައި އެކަމާއި ގުޅިގެން ހޫނު ޒުވާބުތައް ހިނގައެވެ. މީގެ ދުވަސްކޮޅެއް ވިޔަފާރިވެރިންތަކެއްގެ އެކައުންޓްތައް ފްރީޒް ކުރުމުން ޓްވިޓަރގައި އުޅޭ ދިވެހިންގެ ކަމަކަށް އޮތީ މުޅިން ވެސް "ފްރީޒް" ކުރުމެވެ.

ދައުލަތުގެ މުއައްސަސާތައް "ފްރީޒް" ވެފައިވާ މަންޒަރުން ފެށިގެން ގޮސް ބައެއް ސިޔާސީ ފަރާތްތައް ވެސް "ފްރީޒް"ވެފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތައް ޓްވިޓަރގައި އާންމުވެގެން ގޮސްފައިވެއެވެ.

މިފަހަރު އަނެއްކާވެސް އެފަދަ ކަމެއް މިއޮތީ ޓްވިޓަރގައި ފެންމަތިވެފައެވެ. މިފަހަރު ޖުމްހޫރީ ޕާޓީގެ އޮފީސް، ކުނޫޒް ހުންނަ މަގު ކުއްލިގޮތަކަށް ކޮންނަން ޖެހުމާއި ގުޅިގެންނެވެ.

ހައުސިން މިނިސްޓްރީގެ ވެހިކަލްތައް ކުނޫޒް ކައިރިއަށް ދިޔަތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ހޭވައްޓާ ޓްވީޓް ކުރާ މީހުންގެ ފާޑުކިޔުންތައް އޮހިގަތެވެ. ޓްވީޓްކުރާ މީހުންގެ ތެރޭގައި މީހަކަށް ދޫކުރާނެ މީހެއް ނެތެވެ.

މަޝްހޫރު ސޯޝަލް މީޑިޔާ އެކްޓިވިސްޓް ލޫކަސް ޖަލީލު އޭނާގެ ފޭސްބުކްގައި ޝާއިއުކޮށްފައިވާ ފޮޓޯތަކުން ކުނޫޒް ކުރިމަތީގައި މާބުލް ޖަހާފައިވާ މަންޒަރާއި ސްވިމިން ޕޫލެއްގެ މަންޒަރު ވެސް ފެނެއެވެ.

ލޫކަސް ޖަލީލުގެ އިތުރުން ވެސް އެތައް ބަޔަކު ގެންދަނީ ސަރުކާރުން ކުއްލިގޮތަކަށް ކުނޫޒު ހުންނަ މަގު ހަދަން ފެށުމާއި ގުޅިގެން އެކަމަށް ފާޑުކިޔައި ފޮޓޯތައް އެޑިޓް ކުރަން ފަށާފައެވެ.

މާލޭގައި ޕާކުތައް ހަދަމުން ގެންދާތީ ކުނޫޒު ކައިރީގައި ޕާކެއް ހަދާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ވަނީ އާންމުވެފައެވެ. އަދި މީގެ އިތުރުން ރާއްޖެއިން ތެޔޮ ހޯދާނެ ކަމަށް ސަރުކާރުން ވައުދު ވެފައިވާތީ ކުނޫޒު ކުރިމަތިން ތެޔޮ ނަގާ މަންޒަރު ފެންނަ ފޮޓޯ އެއް ދަނީ ދައުރުވަމުންނެވެ.

ކުނޫޒް ކުރިމަތިން ތެޔޮ ނަގާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް. ފޮޓޯ: ސޯޝަލް މީޑިޔާ


ބައެއް ފޮޓޯތަކުގައި ސަރުކާރުގެ އިސްވެރިންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ވެސް ފޮޓޯތައް އާންމުކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.
ކުނޫޒު ހުންނަ މަގު ކުއްލިއަކަށް ބަންދުކުރުމާއި ގުޅިގެން ފޮޓޯ އެޑިޓް ކުރާ މީހުންގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.