Last Updated: June 8, 15:03
Monday, June 8, 2026
ވިޔަފާރި

މޯލްޑިވިއަންގެ ލަންކާ ދަތުރުތައް އަންނަ މަހު ފަށަނީ

ގައުމީ އެއާލައިން މޯލްޑިވިއަން އަވައްޓެރި ސްރީލަންކާއަށް ދަތުރުކުރުމުގެ ހުއްދަ ލިބުމާއި ގުޅިގެން އަންނަ މަހު ދަތުރުތައް ފެށޭނެކަމަށް އެއެއާލައިންއިން ބުނެފިއެވެ.

އައިލެންޑް އޭވިއެޝަންގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަޝާތު ވިދާޅުވީ ދަތުރުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އަންނަ މަހު ދަތުރުތައް ފެށޭ ވަރުވާނެކަމަށެވެ. ނަޝާތު ވިދާޅުވީ ދަތުރުތައް ފަށާއިރު ހަފްތާއަކު 3 ފްލައިޓް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ތަރްހީބަށް ބަލައި ހަފްތާއަކު ކޮންމެ ދުވަހު ފްލައިޓް ބޭއްވުމަށް ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މޯލްޑިވިއަންއިން ލަންކާއަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮވާނެކަމަށް އެއެއާލައިންއިން ބުނެއެވެ. ނަމަވެސް އަދި އަގެއް ހާމައެއް ނުކުރެއެވެ.

މޯލްޑިވިއަން ދަތުރު ކުރާނީ ކޮލަމްބޯ އާއި ކައިރީގައި އޮންނަ ރަތަމަލާނާ އެއާޕޯޓަށެވެ. އެއެއާޕޯޓަކީ އިންޓަނޭޝަނަލް ދަތުރު ނުބާއްވާތާ 50 އަހަރު ވެފައިވާ އެއާޕޯޓެކެވެ.

މޯލްޑިވިއަންއިން ބުނީ ރަތަމަލާނާ އެއާޕޯޓަށް ދަތުރުކުރުން ދިވެހިން އާއްމުކޮށް ދިރިއުޅޭ މަންޒިލަށް ހަރަދު ކުޑަކޮށް ދެވޭނެ ކަމަށެވެ.