Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

ސްޕެޝަލިޓީ ކޮފީއާ އެކު "ޕާން ޕިނޯސް" ހުޅުވައިފި

އައްޑޫގައި ފުރަތަމަ ފަހަރަށް ސްޕެޝަލިޓީ ކޮފީ އާއި ސްޕެޝަލް ޕޭސްޓްރީ އަށް ހާއްސަ ތަނެއް ހުޅުވައިފި އެވެ.

ހިތަދޫ ބޮޑު މަގުގައި ހުންނަ "ޑެޒޯރާ" ފިހާރަ ކައިރީ "ޕާން ޕިނޯސް" ގެ ނަމުގައި ހުޅުވި މި ޕޭސްޓްރީ ޝޮޕް ހުޅުވައި ދެއްވީ އިއްޔެ ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އައްޑޫގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) އެވެ.

ސްރީލަންކާގެ ޕޭސްޓްރީ ރަހަތަކާއި، ސްޕެޝަލިޓީ ކޮފީއަށް ހާއްސަ މިތަން ތައްުޔާރުކޮށްފައި ވަނީ ޒުވާނުންނާއި، ކްރިއޭޓިވް އާޓިސްޓުންގެ ހުނަރު ދައްކައި ލެވޭނެ ފުރުސަތު ހުޅުވާލެވިފައިވާ މާހައުލަކާ އެކުގަ އެވެ.

ޕާން ޕިނޯސް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު އެތަނުގެ އެއް ހިއްސާދާރު ނިހާރާ ޖަމާލް ބުނީ ތަފާތު ކޮފީ އާއި ޕޭސްޓްރީ އުފެއްދުންތައް އައްޑޫ ރައްޔިތުންނަށް ލިބޭނެ ތަނެއް ހުޅުވުމަކީ ވަރަށް ބޮޑު ހުވަނެއް ކަމަށާއި އެކަން މިއަދު ހަގީގަތަކަށް ވެފައިވާ ކަމަށެވެ.

މިތަނުގައި ވިއްކާ ކޮފީ އަކީ މަޝްހޫރު "ކޮފީ ލެބް" އަފްރާހްގެ ހާއްސަ ތަމްރީނާއި އެކު އުފައްދާފައިވާ އައްޑޫގެ ޒުވާން "ބަރސްޓާސް"ގެ ފަރާތުން ތައްޔާރު ކުރާ ކޮފީއެވެ.

އަދި ޕޭސްޓްރީއަކީ ލަންކާގައި ގިނަ ދުވަސްތަކެއް ވަންދެން ޕޭސްޓްރީ އުފައްދައި އެކަމުގެ ތަޖްރިބާ ހޯދާފައިވާ މާހިރެއްގެ ބެއްލެވުމުގެ ދަށުން އުފައްދާ ބާއްވަތްތަކެވެ.

ނިހާރާ ބުނީ "ޕާން ޕިނޯސް" ހަދަން އައްޑު އަށް އައި އިރު މިމަސައްކަތަށް ޝައުގުވެރިކަން ހުރި ޒުވާނުން ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތަނުގެ އިންޓީރިއާ ފުރިހަމަކޮށް ހުޅުވުނީ ވަރަށް ޒުވާން ކްރިއޭޓިވް ކުދިން ކޮޅެއްގެ ބުރަ މަސައްކަތުން ކަމަށެވެ.

ވެރިރަށް މާލެއިންވެސް ސްޕެޝަލިޓީ ކޮފީ ލިބެނީ ވަރަށް މަދު ތަނަކުންނެވެ.

އެހެންވެ އެފަދަ ކޮފީއެއް ބޯލަން އިންތިޒާރުގައި ތިބި އައްޑޫ ރައްޔިތުންނަށް މިއޮތީ ކޮފީ ލެބް އަފްރާ އާއި ނިހާރާ އަދި ޕާން ޕިނޯސް ޓީމުން އެފުރުސަތު ހުޅުވާލާފައެވެ.