ދިވެހި ރާއްޖޭގެ ގާނޫނު އާސާސީ ނެގެހެއްޓުމަށާއި އިންސާނީ ހައްގުތައް ހިފަހައްޓަން އދ އިން ދިވެހި ރާއްޖެއަށް ގޮވާލައިފިއެވެ.
އދގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްގެ ތަރުޖަމާނު ސްޓެފަން ޑުޖެރިކް ނޫސްވެރިޔަކު ރާއްޖެއާއި ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވެފައިވަނީ އދ އިން ދަނީ ރާއްޖޭގެ މަސްރަހު ވަރަށް ކައިރިން ބަލަމުން ކަމަށެވެ.
އަދި އިދިކޮޅު ފަރާތްތަކާއި ސަރުކާރުން އެއް މޭޒަކަށް އަރައި، މަޝްވަރާ ކުރުމަށް އދ އިން ވަނީ އަނެއްކާވެސް ގޮވާލާފައެވެ. ސަރުކާރުގެ ފަރާތުން މަޝްވަރާއަށް ގޮވާލުމުން އިދިކޮޅު ފަރާތްތަކުން ވަނީ ދައުވަތަށް އިންކާރުކޮށްފައެވެ.
އިދިކޮޅު ލީޑަރުން ޖަލުގައި ބޭތިއްބުމަށްފަހު ކުރާނެ މަޝްވަރާއެއް ނެތް ކަމަށާއި ރައީސް ޔާމީން އިސްތިއުފާ ދިނުން ނޫން ގޮތެއް ގަބޫލު ނުކުރައްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.
ރިޝްވަތުގެ ތުހުމަތުގައި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށް އިއްޔެ ބަންދުގެ މުއްދަތު ހަ ދުވަހަށް އިތުރުކޮށްފައެވެ. ގާސިމްގެ ވަކީލުން ވަނީ އެމައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.