Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

"ދިވެހި ބިމުން އެންމެ ވެލިފުކެއް ވެސް ނުވިއްކޭނެ: ހަސަން

ދިވެހި ރާއްޖޭގެ ބިމުން އެންމެ ކުޑަވެގެން ވެލިފުކެއްވެސް ބޭރުގެ ފަރާތްތަކަށް ވިއްކާލާތަން ބަލަން އެމްޑީޕީއެއް ނޯންނާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން އަލް އުސްތާޛް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި ފ. އަތޮޅަށް ކުރަމުންދާ ދަތުރުގައި އެއަތޮޅު ފީއަލީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވެފައިވަނީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކުރަނީ ސަރުކާރުން ކުރަން އުޅޭ ކަމެއް ހާމަނުކޮށް ފޮރުވަން މަސައްކަތް ކުރާތީ ކަމަށެވެ.

ތަރައްގީއަށް އެމްޑީޕީ އިން ހުރަސް ނާޅާނެ ކަމަށާއި އެޕާޓީއިން ކަންބޮޑުވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރުގެ އަޑާއި ވައްތަރު އަޑަކުން ފ. އަތޮޅު ވިއްކާލުމަށް ބުނެފައިވާ އޯޑިއޯ ލީކުވެ، އެކަމާ ބެހޭގޮތުން އެއްވެސް ތަހުގީގެއް ހިންގާފައިނުވާއިރު ފިޔަވަޅެއްވެސް ނޭޅި އޭގެ މުރާދެއްވެސް ހާމަކޮށްފައިނުވާތީ ކަމަށެވެ.

ފ. އަތޮޅާއި ދޭތެރޭ ސަރުކާރުން ކަންކުރަން އުޅޭ ގޮތް ހާމަކޮށްދެއްވުމަށް އެތައް ފަހަރެއްގެ މަތިން އެދިފައިވާ ކަމަށާއި އެއިން އެއްވެސް ސިޓީއަކަށް ޖަވާބެއް ލިބިފައިނުވާކަމަށްވެސް ހަސަން ވިދާޅުވެފައިވެއެވެ.

ހަސަން ވަނީ ފ. އަތޮޅުގެ ރައްޔިތުންގެ ކިބައިން ދާއިރާގެ މެމްބަރުން ނުބައި މަގުން ކަންކުރައްވާނަމަ އެބޭފުޅުން ޖަވާބުދާރީ ކުރުވައި ޒިންމާދާރު ކުރުވުމަކީ ދާއިރާގެ ރައްޔިތުންނަށް ލިބިފައިވާ ހައްގެއް ކަމަށް ވިދާޅުވެފައެވެ. މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ޚިދުމަތަށް ހޮވިވަޑައިގެން ތިއްބެވި ރައްޔިތުންގެ ޚާދިމުންކަން ހަނދުމަފުޅުގައި ބެހެއްޓެވުމަށް ހަސަން ވަނީ ގޮވާލައްވާފައެވެ.