ހެއްކެއް ނެތި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވާއިރު ފައިސާ ގޯނި ހިފައިގެން މެމްބަރުންގެ އަރިހަށް ދިޔަ ކަމަށް ބުނި މީހާގެ މައްޗަށް ފިޔަވަޅު އަޅާފައިނުވަނީ ކީއްވެތޯ ރައީސް މައުމޫން ސުވާލުކޮށްފިއެވެ.
މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި އެޓާނީ ޖެނެރަލްސް އޮފީސް ޓެގް ކުރައްވައި ހަމަޔާއި އިންސާފު ކޮބައިތޯ ސުވާލުކޮށްފައިވެއެވެ.
"ހެއްކެއް ނެތި ގާސިމްއަށް ރިޝްވަތުގެ ތުހުމަތު ކުރާއިރު ފައިސާ ގޯނި ހިފައިގެން މެމްބަރުން ގާތަށް ހިނގި ކަމަށް ބުނާ މިހާއާ ދޭތެރޭ ކޮން ފިޔަވަޅެއް ތޯ އެޅުއްވީ؟ ކޮބައިތޯ ހަމަޔާއި އިންސާފު؟ ޖަވާބު ދެއްވާ!"
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ ފައިސާ ގޯނި ހިފައިގެން މެމްބަރުން ކައިރިއަށް ދިޔަ ކަމަށް އިއުތިރާފުވެފައެވެ. އަދި ޓީވީ ޕްރޮގްރާމެއްގައިވެސް އޭނާ ވަނީ އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.
އޭސީސީ އިން އެމްއެމްޕީއާރްސީ ކަރަޕްޝަނުގެ މައްސަލަ ބަލަން ފަށާފައިވީނަމަވެސް އެމައްސަލައިގެ ތަހުގީގު ކުރިއަށް ދާގޮތުގެ މައުލޫމާތެއް މީޑިޔާގައި ފަހަކަށް އައިސް ހިއްސާ ކޮށްފައެއްނުވެއެވެ.
މިމައްސަލައާއި ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އޭރުގެ ނައިބު ރައީސް، އަހުމަދު އަދީބު ފައިސާއިން ޚިޔާނާތްތެރިވެފައިވަނީ އެމަނިކުފާނަށް ނޭނގި ކަމަށެވެ. އަދި އެތައް މިލިއަން ރުފިޔާ ތިއްބެވި ބޭފުޅަކު ރައީސްއަށް ހަދިޔާއެއްގެ ގޮތުން ދެއްވީ ކުޑަކުޑަ ތާސްބައެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.