Last Updated: July 3, 06:26
Friday, July 3, 2026
ޚަބަރު

ލޯ ކޮލެޖްގެ ރަޖިސްޓްރޭޝަން ދެ ހަފްތާ ތެރޭގައި ފަށަނީ

ހުޅުމީދޫގައި އެސްޓީއޯއިން އިމާރާތްކުރި ހަތަރުބުރީގެ ބިލްޑިންގް. މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ކޯސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއިމާރާތުގައި/ ފޮޓޯ: ޝަރަފް

މޯލްޑިވްސް ލޯ އިންސްޓިޓިއުޓުގެ ކޯސްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ހުޅުވާލާނެ ކަމަށް އެ އިންސްޓިޓިއުޓުގެ ރައީސް އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ހުޅުމީދޫގައި ދާދި ފަހުން އެސްޓީއޯ އިން ބިނާކުރި ހަތަރު ބުރީގެ އިމާރާތުގައި ފެށުމަށް ހަމަޖެހިފައިވާ ލޯ އިންޓިޓިއުޓުގެ ކޯހާ ގުޅޭ ގޮތުން "އައްޑޫ ލައިވް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަޝްހޫރު ގާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބް ސުއޫދު ވިދާޅުވީ ކޮލެޖަށް ވަނުމަށް އެދޭ ކުދިންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމަށް ވަރަށް ބާރަށް މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކުރިއަށް އޮތް ހަފްތާ ދެ ހަފުތާ ތެރޭގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލެވޭ ވަރު ވާނެ، މިހާރު ވެސް ހިތަދޫ އަށް ކުއްޖަކު ވަނީ ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައި،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ގުޅިފައިވާ ރަށްތަކުން ކުދިން ހުޅުމީދޫއަށް ދެވެނެ އިންތިޒާމް ހަމަޖެއްސުމަށް ކައުންސިލާއި އެކު މަޝްވަރާ ކުރަމުން އަންނަކަމަށެވެ.

"ދަތުރުފަތުރު އަޅުގަނޑުމެންނަކަށް ފޯރުކޮށް ނުދެވޭ. ނަމަވެސް ކައުންސިލް އާއި އެކު މިދަނީ މަޝްވަރާ ކުރަމުން ދަތުރުފަތުރުގެ ނިޒާމް ތެރެއިން ކުދިންނަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖެެއްސުމަށް"

ލޯ ކޮލެޖްގެ ފަރާތުން ހުޅުމިދޫ އިންޓިޓިއުޝަންގައި ފުރަތަމަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޕްރޮފެޝަނަލް ސެޓްފިކެެޓް އިން ކްރައިމް އިންވިސްޓިގޭޝަން ކޯހާއި ލޯ ފައުންޑޭޝަން ކޯހެވެ.

"ފުރަތަމަ ފެށުމަށް ހަމަޖެހިފައި ވަނީ ޕްރޮފެޝަނަލް ސެޓިފިކެޓް އިން ކްރައިމް އިންވެސްޓިގޭޝަން އަދި ލޯ ފައުންޑޭޝަން ކޯސް. މި ދެ ކޯހަކީ ވެސް ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ކޯސްތައް،" ސުއޫދު ވިދާޅުވި އެވެ.

ހުޅުމީދޫގައި ކޯސް ފެށުމުގެ ގޮތުން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ސުއޫދު ވިދާޅުވި އެވެ.