ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެހެނިހެން ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީ އައްޑޫ އެކި ދާއިރާތަކުގެ މެމްބަރުން ފޭދޫގައި މިއަދު ހަވީރު މުޒާހަރާކޮށްފި އެވެ.
އެމްޑީޕީގެ މެމްބަރުން ވަނީ ގާސިމްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މަޖްލިސް މެމްބަރ އަހްމަދު މަހްލޫފް އާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ ޕޯސްޓަރު ތަކާއި އެކު މުޒާހަރާ ފަށާފައެވެ.

ފޭދޫ އެމްޑީޕީ އޮފީސް ކުރިމަތީގައި މުޒާހަރާ ފަށައިގެން ކުރިއަށްދާ އިރު ރޭ ފުލުހުންވަނީ 4 ފަހަރެއްގެ މަތިން އެމްޑީޕީ އޮފީހަށް ގޮސް އެތަނުގައި ބަހައްޓާފައިވާ ޖޯލިފަތި އާއި ގޮޑިތައް ނަގާފައެވެ. އަދި އެތަނުގައި ބަހައްޓާފައިވާ ސްކްރީންވެސް ވަނީ ނަގާފައެވެ.
ފުލުހުން އެތަކެތި ގެންދިއުމުން ފަހުން އެމްޑީޕީގެ މެމްބަރުން ރާއްޖެޓީވީ ބަލަން ތިބީ ސަތަރި އަޅައިގެން ބިންމަތީގައެވެ. ނަމަވެސް އަނެއްކާވެސް ފުލުހުންވަނީ އެތަނަށްވަދެ ސަތަރިވެސް ގެންގޮސްފައެވެ.

ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ހައްޔަރު ކުރުމާްއި ގުޅިގެން މިހާރުވެސް އދ. މާމިގިލީގައި ދަނީ މުޒާހަރާ ކުރަމުންނެވެ.