Last Updated: June 30, 09:26
Tuesday, June 30, 2026
ދުނިޔެ

ރާމާމަކުނުތަކާ އެކު އުޅުނު ކުއްޖާ ސަލާމަތްކޮށްފި

ރާމާމަކުނުތަކަކާއި އެކު ދިރިއުޅެމުންދާ ކަމަށް ޤަބޫލު ކުރެވޭ އަންހެން ކުއްޖާ އަކީ ކާކުކަން ހޯދުމަށްޓަކައި އުތުރު އިންޑިއާގެ ފުލުހުން ދަނީ ގެއްލިގެން ނުފެނިފައިވާ ކުދިންގެ ލިސްޓެއް ބަލައި ފާސް ކުރަމުންނެވެ.

އަށް އަހަރާއި 10 އަހަރާއި ދެމެދުގެ އުމުރުގެ އެ އަންހެން ކުއްޖާ ފެނިފައި ވަނީ މީގެ ހަފްތާތަކެއް ކުރިން އުއްތަރް ޕްރަދޭޝްގެ ޖަންގައްޔެއް ތެރެއިންނެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި އެކުއްޖާ އަށް މުއާސަލާތު ނުކުރެވެ އެވެ. އަދި އެކުއްޖާގެ ކިބައިން ފެންނަނީ ރާމާމަކުނާއި އެއްގޮތް ކަންތައްތަކެކެވެ.

ފުލުހުންގެ އިސް އޮފިޝަލަކާއި ހަވާލާދީ ބީބީސީ ހިންދީ އިން ރިޕޯޓް ކުރާ ގޮތުގައި އެކުއްޖާ ފެނުނުއިރު، އެކުއްޖާ ހުރީ ރާމާމަކުނުތަކަކާ އެކު ކުޅެން ކަމަށާއި، އެކުއްޖާ ދިޔައީ އެ ރާމާމަކުނުތައް ޖައްސާ ވައްތަރުތައް ނަކަލު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އެކުއްޖާ ފުރަތަމަ ފެނިފައި ވަނީ އިންޑިއާ އާއި ނޭޕާލްގެ ދެމެދުގައި އޮންނަ ބޯޑާ ކައިރީ އޮންނަ ކަޓާނިއަގަޓް ސެންކްޗުއަރީ ގައި ދިރިއުޅޭ މީހުންނަށެވެ.

އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު، އެކުއްޖާ ވަނީ ވަރަށް ބޮޑަށް މެލްނަރިޝް ވެފައި ކަމަށާއި، އެކުއްޖާގެ އިސްތަށިގަނޑު ހުރީ ވަރަށް ބޮޑަށް ދިގުވެފައި ކަމަށާއި އަދި އެކުއްޖާގެ ހަށިގަނޑަށް އަނިޔާތަކެއް ލިބިފައި ހުރި ކަމަށް ޑޮކްޓަރުން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން އެކުއްޖާއަށް އެއްވެސް މިންވަރަކަށް ވާހަކަ ނުދެއްކޭ ކަމަށާއި، އެންމެ ފުރަތަމަ ހިނގާ ބިނގާވެ އުޅުނީވެސް ހަތަރެސްފައި މަތީގައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިހާރު އެކުއްޖާގެ ޙާލު ކުރިއަށްވުރެ ރަނގަޅު ނަމަވެސް، މުސްތަޤްބަލުގައި އެކުއްޖާ ދުނިޔެއަށް މަޑުމަޑުން ނެރުމަށްޓަކައި ތައްޔާރު ކުރުމުގެ ޒިންމާ ކުޑަކުދިންނަށް އެހީވެދޭ ޖަމިއްޔާތަކާއި ސިއްޙީ މާހިރުންނާއި ހަވާލު ކުރެވޭނެ އެވެ.

އެކުއްޖާގެ ޙާލު ރަނގަޅުވުމުން، އިތުރު ފަރުވާއަށްޓަކައި ލަކްނައު މެޑިކަލް ކޮލެޖަށް ބަދަލު ކުރެވޭނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ގިނަ ބަޔަކު ދަނީ "ޖަންގަލް ބުކް" ގައި އުޅޭ މޯގްލީ އާއި އެ އަންހެން ކުއްޖާ އާއި އަޅާކިޔަމުންނެވެ. އެވާހަކައިގައި ވާގޮތުން، މޯގްލީ ބަލާބޮޑު ކުރަނީ ހިޔަޅުތަކެކެވެ. އެހެންނަމަވެސް، އިންޑިއާ އިން ފެނުނު އަންހެން ކުއްޖާ ޖަންގަލީގައި ދިރިއުޅެމުން ދާތާ ކިހާ ދުވަހެއް ވެފައި ވޭތޯ އަދި ނޭނގެއެވެ.