Last Updated: June 26, 14:38
Friday, June 26, 2026
ކުޅިވަރު

ރިއަލް އެއްވަރުވި ނަމަވެސް ބާސާ ބަލިވެ ހާސްކަން ފިލައިފި

ސްޕެނިޝް ލީގުގެ ތަށްޓަށް ވާދަކުރާ ދެޓީމުގެ ތެރެއިން ރިއަލް މެޑްރިޑު ރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވެ ބާސާ މޮޅުވެ ރިއަލް އިން ނަގާފައިވާ ލީޑާއި އެއްވަރުކުރުމަށް ލިބުނު ފުރުސަތު ގެއްލުވާލައިފިއެވެ.

މެޑްރިޑް ޑާބީގައި ރިއަލް އާއި އެތްލެޓިކޯ ބައްދަލުކުރި މެޗުގެ ލީޑު ރިއަލް ނަގާފައިވަނިކޮށް އެތްލެޓިކޯ ވަނީ މެޗުގެ ވަރަށް ފަހުކޮޅު މެޗު އެއްވަރުކޮށްފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ލަނޑު 53 ވަނަ މިނެޓުގައި ޖަހާފައިވަނީ ޑިފެންޑަރު ޕެޕޭއެވެ.

އެތްލެޓިކޯގެ ފޯވާޑު އެންތޮނީ ގްރީޒްމެން ރިއަލް ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިތް ކުދިކުދި ކޮށްފައިވަނީ މެޗުގެ 85 ވަނަ މިނެޓުގައި ޖެހި ގޯލަކާއެކުގައެވެ.

ޕޮއިންޓުގެ ގޮތުން ރިއަލްއާއި ހަމަހަމަ ކުރުމަށް ބާސާ އަށް ލިބުނު ރަނުގެ ފުރުސަތު ނަގާލާފައިވަނީ މަލަގާ އަތުން 0-2 އިން ބަލިވެގެންނެވެ.

ލީގުގެ 14 ވަނައިގައި އޮތް މަލަގާ އަތުން ބާސާ ބަލިވެ ތަށި ހޯދުމަށް ކުރި އުއްމީދުތައް ވެއްޔާއި މޮޑެވިފައިވާއިރު ރޭގެ މެޗު ނިމިފައިވަނީ ނޭމާއަށް ރަތް ކާޑެއް ދައްކައި ސަސްޕެންޝަނަކާ ކުރިމަތިލައިގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި މަލަގާ ޖަހާފައިވާއިރު ބާސާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ނުކުރެވި އޮތްވާ މަލަގާ ލީޑު ފުޅާކޮށްފައިވަނީ 90 ވަނަ މިނެޓުގައެވެ.

މިބައްޔާއެކު ބާސާ އަށް ލިބިފައިވަނީ ރިއަލް އަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން 69 ޕޮއިންޓެވެ. ރިއަލްއަށް ލިބިފައިވަނީ 72 ޕޮއިންޓެވެ.