Last Updated: April 30, 12:06
Tuesday, April 30, 2024
ކޮލަމް

ނަޝީދު ފުރުސަތުގެ ބޭނުން ހިއްޕެވި ނަމަ…

ޑޭވިޑް ކެމަރޮންއަކީ މިހާރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރެވެ. އޭނާއަކީ އިގިރޭސި މެދުފަންތީގެ އާއިލާއަކަށް އުފަން ދަރިއެކެވެ. އޭނަގެ ބައްޕައަކީ ސްޓޮކްބްރޯކަރ އެކެވެ. ނުކުޅެދޭ މީހެކެވެ. އުމުރުގެ 78 އޭނަހޭދަކުރީ ފޮރޮޅުލީ ގޮޑީގައެވެ. ޑޭވިޑް ކެމަރޮންވަނީ އޮކްސްފޯޑް ޔުނިވަރސިޓީން އިގުތިސާދާއި ސިޔާސީ ދާއިރާއިން މަތީތައުލީމު ހާސިލް ކުރައްވާފައެވެ. ސިޔާސީދާއިރާއަށް ވެންނެވީ 1991 ގައެވެ.

އިނގިރޭސި ބޮޑުވަޒީރުކަން ލިބިވަޑައިގަތީ 11 މެއި 2011 ގައެވެ. 80ގެ އަހަރުތަކުގައި ޑޭވިޑް ކެމަރޮންއަކީ ސްކޫލްގެ ދަރިވަރެކެވެ. އެދުވަސްވަރު ޑޭވިޑްގެ ސްކޫލުން، އެސްކޫލް ދަރިވަރުންގެ ވަފުދެއް ، އެއިރުގެ އިގިރޭސި ބޮޑުވަޒީރު މާގްރޭޓް ތޭޗަރ އާއި ބައްދަލު ކުރެއްވުމުގެ ޕްރޮގްރާމެއް އިންތިޒާމް ކުރިއެވެ. މިވަފުދުގައި ޑޭވިޑް ކެމަރޮންވެސް ހިމެނިވަޑައިގަތެވެ. މިބައްދަލުވުން އޮތީ އިގިރޭސި ބޮޑުވަޒީރުގެ ރަސްމީ ގަޑުވަރު ޑައުންސްޓްރީޓް 10 ގައެވެ. ޑޭވިޑްގެ މިބައްދަލު ވުމަށްފަހު އެނބުރިގެއަށް އައުމުން އޭނަގެ ބައްޕަ ޑޭވިޑްގެ އަރިއަހުން ސުވާލުކުރިއެވެ. : ބޮޑުވަޒީރުގެ ބައްދަލުވުން ދިޔައީ ކިހިނެއްތޯއެވެ؟ ޑޭވިޑް ޖަވާބުދިނެވެ. " ބޮޑުވަޒީރުގެ ގަޑުވަރުގައި ވަރަށް އުފާވިއެވެ. ހިތްހަމަޖެހުނެވެ.

ކޮފީއާއި ހެދިކާގެ ބިލެތްމީރުކޮށްލުމެއް އޮތެވެ. އަދި ބޮޑުވަޒީގެ މަދުރަސީ ދައުރުގެ ވާހަކަތައް ވިދާޅުވެ ދެއްވިއެވެ. އަދި އެކަމަނާއާއެކު ފޮޓޯ ސެޝަނެއް އޮތެވެ." ޑޭވިޑްގެ ބައްޕަ ހިނުތުންވުމަކާ އެކު އަނެއްކާ ސުވާލު ކުރިއެވެ. ކަލޭމެން ބޮޑުވަޒީރުގެ ގަޑުވަރަށްގޮސް އެކަމަނާއާއި ބައްދަލުކުރީ އެކަމަނާއާއެކު ކޮފީބޮއެ ފޮޓޯނަގައި އެކަމަނާގެ މަދުރަސީ ދައުރުގެ ވާހަކަތައް އަޑުއަހަންތޯއެވެ؟ އެވަގުތު ޑޭވިޑްކެމަރޮން ހައިރާންކަމާއެކު އޭނަގެ ބައްޕައާއި ދިމާލަށް ބައްލަވާލެއްވިއެވެ. އެހިނދު ބައްޕަ ޑޭވިޑް އަށް ވިސްނައި ދިނުމުގެ ގޮތުން ބުންޏެވެ. "ދަރިފުޅާއެވެ. ބޮޑުވަޒީރާއެކު އެކަމަނާގެ މަދުރަސީދައުރުގެ ވާހަކައާއި އެކަމަނާއާއިއެކު ފޮޓޯނެގުން އަދި ކޮފީ ބުއިން މިކަންތައްތަކަކީ ކޮންމެވެސް އެހެންދުވަހަކުން ކުރެވިދާނެ ކަންތައްތަކެވެ.

އެކަމަކު އެއްކަމެއް އެފުރުސަތުގައި ބޭނުން ނުކޮށްފިނަމަ ދެން އެފަދަ ފުރުސަތެއް ލިބުމަކީ ނާދިރުކަމެކެވެ. އެފުރުސަތު ދަރިފުޅުވަނީ ގެއްލުވާލާފައެވެ. ޑޭވިޑް ކެމަރޮން ބައްޕައާއި ސުވާލު ކުރެއްވިއެވެ. :އޭބައްޕާއެވެ. އެއީކޮންކަމެއްތޯއެވެ؟ ބައްޕަޖަވާބުދިނެވެ. " މާގްރޭޓްތޭޗަރ އިގިރޭސި ބޮޑުވަޒީރަށްވެވަޑައިގަތުމަށް އެކަމަނާ ކުރެއްވި މަސައްކަތަކީ ކޮބައިތޯ ދަރިފުޅަށް ސުވާލުކުރެވިދާނެއެވެ. އަދި ބޮޑުވަޒީރަށް ވެވަޑައިގަތުމަށްފަހު އިގިރޭސި ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ލިބިދިނުމަށް ކަންތައްކުރައްވާ ގޮތާއިބެހޭގޮތުން އެކަމަނާއާއި ސުވާލުކުރެވިދާނެއެވެ. އަދިވެސް އެކަމަނާދެކެ އިގިރޭސި ރައްޔިތުން އެހާ ލޯބިވަނީ ކީއްވެގެންތޯވެސް ސުވާލުކުރެވިދާނެއެވެ.

އިގުތިސާދީ ގޮތުން އިގިރޭސިވަލާތަކީ އެންމެ ކުރީގައިހިމެނޭ ގައުމެއްގެ ގޮތުގައި ބޭއްވުމަށް ކުރައްވާ މަސައްކަތާއި ބެހޭގޮތުން އޮޅުން ފިލުވިދާނެއެވެ." ބައްޕަގެ މިވާހަކަތަކަކީ ޑޭވިޑްކެމަރޮން އަށް ވަރަށް އަސަރުކުރުވި ވާހަކަތަކަށްވިއެވެ. އެހެންކަމުން އެވަގުތުންފެށިގެން ޑޭވިޑްގެ ހިތުގައި އަޒުމު ކަޑައެޅިއެވެ. މީގެފަހުން އޭނައާއި އެފަދަ ޝަޚުސިއްޔަތަކާއި ބައްދަލުވާހިނދު އެންމެ ފުރަތަމަވެސް އިސްކަމެއްދޭނީ އެފަދަ ލީޑަރުން ކާމިޔާބު ވެވަޑައިގަތީ ކިހިނެއްތޯ އާއި އަދި އެކާމިޔާބުތައް ދެމެހެއްޓުމަށްޓަކައި ކުރައްވާ މަސައްކަތްތައް އޮޅުން ފިލުމަށެވެ.

ޝައްކެއްނެތް މިއަދު އިގިރޭސި ބޮޑުވަޒީރަކީ ޑޭވިޑްކެމަރޮންއެވެ. އަދި އެގައުމުގެ ރައްޔިތުން ނުހަނު އިޙުތިރާމާއިއެކު އޭނަގެޚިދުމަތްތައް އައްނަނީ ބަލައިގަންނަމުންނެވެ. ޔަގީންކަމާއި އެކު ދަންނަވަންޖެހެނީ ޑޭވިޑް ކެމަރޮންއަށް މިއަދު އެކާމިޔާބީ ލިބިވަޑައިގަތީ ބައްޕަގެ ނަސޭހަތް ގަބޫލުކޮށް ފުރުސަތުގެ ބޭނުންއެންމެ ފުރިހަމަގޮތު ގައި ބޭނުންކުރެއްވީތީއެވެ.

ރާއްޖޭގައި އެންމެފަހުން ވެރިކަމުން އަމިއްލައަށް އިސްތިއުފާދެއްވި ރައީސު މުޙައްމަދު ނަޝީދަކީ ބުނެވޭގޮތުން އޭނަ ކިޔަވާވިދާޅުވާން އިގިރޭސިވަލާތުގައި އުޅުއްވި ދުވަސްވަރުން ފެށިގެން ޑޭވިޑްކެމަރޮންއާއި ވަރަށް ގާތް އެކުވެރި ރަހުމަތްތެރިއެކެވެ. އެބޭފުޅާއަށް ބޮޑުވަޒީރުކަން ލިބުމަށްފަހުވެސް އެތައްފަހަރަކު ނަޝީދު ވަނީ ބޮޑުވަޒީރު ޑޭވިޑްކެމަރޮންއާއި ބައްދަލުކުރައްވާފައެވެ. އަދި ނަޝީދު ވެރިކަމަށް ގެނައުމަށްޓަކައި ޑޭވިޑް ނިސްބަތްވާ ޕާޓީން ގިނަގުނައެހީތެރިކަމާއި އެބާރުލުން ނަޝީދާއި ނަޝީދުގެ ޕާޓީއަށް ލިބިފައިވާ ކަމީ އެންމެންދަންނަ ހަގީގަތެކެވެ.

އެހެންނަމަވެސް ނަޝީދު ޑޭވިޑްކެމަރޮންއާއި ބައްދަލުވާ ހިނދު އެބޭފުޅާގެ އަރިއަހުން އެބޭފުޅާ ވެރިކަމަށް ވަޑައިގަތް ގޮތާއި އަދި ވެރިކަން ކުރައްވާ ގޮތް އޮޅުން ފިލުވުމަށް ފުރުސަތުގެ ބޭނުންހިތްޕެވިކަމަށް ދެންނެވޭކަށް ނެތެވެ. ނަމަވެސް އެހެންކަހަލަ ބައެއްކަންތައް އޮޅުންފިލުވައި ދަސްކުރެއްވުމަކީ އެކަށީގެންވާކަމެކެވެ. މިސާލަކަށް ތަފާތު މީރު "ޝަރުބަތުފޮދުތައް" ހިތްޕަވާނެ ގޮތާއި އަދި އޭގެފައިދާއެވެ. ލާދީނީ ފިކުރާއި ވިސްނުމެވެ. ނަޝީދުގެ ބަހާއި އަމަލުން ދިވެހި ރައްޔިތުންނަށް ވިސްނިފައިވަނީ މިފަދައިންނެވެ.

ނަޝީދުގެ ތިންއަހަރުގެ ވެރިކަމުގައި އެމަނިކުފާނު ވެރިކަން ކޮށްދެއްވީ އެކަނި އެމަނިކުފާނުގެ ޕާޓީގެ މީހުންނަށެވެ. ޑިމޮކްރެޓިކް ލޭބަލް ޖައްސަވައިގެންނެވެ. ވެރިކަމުގެ ބާރުތައް ބޭނުން ކުރައްވައިގެން ކަންތައް ކުރެއްވީ ޗާޓުންބޭރުންނެވެ. ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު މިހާރު އަނެއްކާ މަސައްކަތް ކުރައްވަނީ މިއަހަރުތެރޭ ބޭއްވޭ އިންތިޚާބުގައި ވާދަކުރެއްވުމަށެވެ. އެކަމަށް ކެމްޕެއިން ކުރައްވާތާ އެތައްދުވަސްތަކެއް ވެއްޖެއެވެ. އެކަމަކު ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ހިތްވަރާއި ކުޅާދާނަކަމާއި ގާބިލުކަމެއް ރައްޔިތުންނަށް ދައްކައެއް ނުލެވެއެވެ.

ވައްތަރީ ހިންދީފިލްމުތަކުގައި ނުބައިބައި ކުޅޭ މީހަކާއެވެ. ޝަރުޢީ ކޯޓަށް ފިއްލަވަން ގަރާޖެއްގެތެރޭ ބޮދާ އޮތުމަކީ ލީޑަރުންގެ ސިފައެއްނޫނެވެ. އެގޮތަށް ފިއްލަވައިގެން އުޅުއްވުމުގެ ބަދަލުގައި އިގިރޭސިވިލާތަށް ވަޑައިގެން އެކުވެރި ޑޭވިޑްކެމަރޮން އާއި އަދި އެއްފަހަރު ބައްދަލުކޮށް ކުރިއަށްއޮތް އިންތިޚާބުގައި ކާމިޔާބީ ހާސިލްކޮށް ވެރިކަމަށް އައިސް ހެޔޮވެރިކަމެއް ރައްޔިތުންނަށް ކޮށްދޭނެ ގޮތްތައް ދަސްކުރެއްވުމަށްފަހު ދެން ކެމްޕެއިނަށް ނުކުންނެވުމަކީ ގޯސްގޮތެއްކަމަށް އެއްވެސްމީހަކު ނުދެކޭނެއެވެ.