ބަންގްލަދޭޝްގެ ތަރައްގީގެ ޕްރޮޖެކްޓުތައް ނިންމުމަށް އިންޑިޔާއިން 4.5 ބިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.
އިންޑިޔާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ އާއި ބަންގާޅު ޕްރައިމް މިނިސްޓަރު ޝެއިޚް ހަސީނާ ވަނީ ނިއުކްލިއާ އެއްބަސްވުމެއްގެ އިތުރުން ދެ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.
ބަންގާޅުގެ މައި މަޝްރޫއުތަކުގެ 22 ޕްރޮޖެކްޓެއް ނިންމުމަށް އިންޑިޔާއިން ލޯނު އެހީއެއް ފޯރުކޮށްދީފައިވާއިރު ދެގައުމުގެ ދެމެދުގައި އާ ރޭލުވޭއަކާއި އިތުރު ބަހުގެ ޚިދުމަތްތައް ވަނީ ތައާރަފްކޮށްފައެވެ.
އަދި ބަންގާޅުގެ އުތުރު އަސްކަރިއްޔާގެ ހާލަތު މިހާރަށްވުރެ ރަނގަޅު ކުރުމަށް އިންޑިޔާއިން ވަނީ 500 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ބަންގާޅު އަސްކަރިއްޔާއަށް ފޯރުކޮށްދީފައެވެ.
މީގެ އިތުރުން މޯދީ ވަނީ އައިޓީ އާއި ކޮމްޕިއުޓާ ސައިންސް ފަދަ މުހިއްމު ދާއިރާތަކުން ބަންގާޅުގައި ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ވަރަށް އަވަހަށް މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމާއި ސުލްހަ މަސަލަސްކަން ދެމިއޮތުމަށް ލިބިގެންދާނެ ވަރުގަދަ ބާރަކަށް މިއެހީ ވެގެންދާނެ ކަމަށް މޯދީ ވިދާޅުވެފައިވެއެވެ.