ބޭއިންސާފާއި އަނިޔާގެ ކުރިމަތީގައި ކުޑަކަކޫ ނުޖެހުމަކީ ގާސިމް އިބްރާހިމްގެ ކުށެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުންނަވަނިކޮށެވެ.
ގާސިމްގެ ވަކީލުން އެމައްސަލަ މިއަދު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ގާސިމް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު އަނބުރާލުމަށް މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައެވެ.
އަދި ފުލުހުން ވަނީ ފަހުން އޭނާގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ނުފޫޒު ފޯރުވާ ކަމަށާއި ދައުލަތުގެ ދިފާއީ ބާރުތަކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކޮށްފައެވެ.
ގާސިމްގެ ހައްޔަރާއި ގުޅިގެން ކުރީގެ ރައީސް މައުމޫން ވަނީ ސީދާ ރިޝްވަތު ދިންކަމަށް ބުނެ ވާހަކަ ދެއްކި މެމްބަރެއްގެ މައްސަލަ ބަލާފައިނުވަނީ ކީއްވެތޯ ސުވާލުކޮށްފައެވެ.