ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މަޖިލިހުގެ އާންމު ކޮމެޓީން ކުއްލިގޮތަކަށް މިވަނީ ފާސްކޮށްފައެވެ.
ކޮމިޓީން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައިގައި 31 މެމްބަރުން ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވާ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސް ކުރުން މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ޕީޕީއެމް އަދި އެމްޑީއޭގެ މަޖިލިސް މެންބަރުން އަމާޒު ހިއްޕަވާފައިވާއިރު ފާހަގަކުރެވޭ އެހެން ކަމެއް ވެސް އެބައޮތެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލުކުރުމަށް މައްސަލަ ހުށަހަޅަން ބޭނުންވާ ސޮއިގެ އަދަދަށް ވުރެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރަން ހޯދަންޖެހޭ ސޮއިގެ އަދަދު އިތުރުވުމެވެ.
ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ށ) ގަައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން އަޒުލުކުރުމަށް މަޖިލީހަށް މައްސަލައެއް ހުށަހެޅޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން (29 މެންބަރުން) ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމަކުންނެވެ.
މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރިގޮތަށް މާދަމާ މަޖިލީހުގެ ތަޅުމުން އެ އިސްލާޙް ފާސްކޮށްފިނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޤާމުން ވަކިކުރުމަށް ވުރެ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުން ފަސޭހަވެގެންދާނެއެވެ.
ސަރުކާރަށް ތާއީދުކުރި ބައެއް މެންބަރުންތަކެއް ވެސް އިދިކޮޅު ފަރާތްތަކާއި ގުޅިފައިވާ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމުގެ މައްސަލައެއް އަދި މިހާތަނަށް މަޖިލީހަށް ވައްދާފައި ނުވެއެވެ. ނަމަވެސް މަޖްލިސްގެ ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައް މާދަމާއަށް ވަނީ ތާވަލް ކޮށްފައެވެ.