އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސަންޑަލެންޑް ބައްދަލުކުރި މެޗު 3-0 އިން މެންޗެސްޓާ ޔުނައިޓެޑު ކާމިޔާބުކޮށް ތާވަލުގެ 5 ވަނައަށް އަނެއްކާވެސް ޖެހިލައިފިއެވެ.
މެޗުގެ ބޮޑުބައި ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ސަންޑަލޭންޑު ކޮޅަށް ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ 30 ވަނަ މިނެޓުގައި އިބްރަހިމޮވިޗެވެ. މިއީ އިބްރާ އެންމެ ފަހަކަށް ކުޅުނު 8 ޕްރިމިއާ ލީގު އެވޭ މެޗުން ކާމިޔާބުކުރި 9 ވަނަ ލަނޑެވެ.
މެޗުގެ 43 ވަނަ މިނެޓުގައި ސަންޑަލޭންޑުގެ ލާސަންއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ޔުނައިޓެޑުން މެޗުގެ ދެވަނަ ގޯލު ޖަހާފައިވަނީ ދެވަނަ ހާފު ފެށިގެން މިނެޓެއްވެސް ނުވަނީހެވެ. މިލަނޑު ކާމިޔާބުކޮށްފައިވަނީ ހެންރިކް މިޚިތަރިޔާންއެވެ.
ޑިފެންސަށް ވިސްނައިގެން ސަންޑަލޭންޑުން ކުޅެފައިވާއިރު ޔުނައިޓެޑަށް މެޗުގެ ލީޑު އިތުރަށް ފުޅާކުރުމަށް ލިބުނު ފުރުސަތުތައް ވަނީ ބޭކާރުވެފައެވެ. ހާއްސަކޮށް އިބްރާއަށް ލިބުނު ގިނަ ފުރުސަތުތަކެއް އޭނާއަށް ވަނީ ނިންމާނުލެވިފައެވެ.
ޔުނައިޓެޑުގެ ތިންވަނަ ލަނޑު މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ޖަހާފައިވަނީ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑެވެ. މިރޭގެ މެޗުން މޮޅުވެ ޔުނައިޓެޑު ވަނީ އާސެނަލްގެ ކުރިއަށް 3 ޕޮއިންޓުގެ ލީޑަކާއެކު ޖެހިލާފައެވެ. ނަމަވެސް އާސެނަލްއަށް ކްރިސްޓަލް ޕެލެސްއާއި ދެކޮޅަށް ނިކުންނަ މެޗު ކާމިޔާބުކުރެވިއްޖެނަމަ ޔުނައިޓެޑަށްވުރެ ކުރިއަށް ދެވޭނެއެވެ.