Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ކޯގަންނު ބެލެހެއްޓުމާ ކައުންސިލުން ހަވާލުވެއްޖެ

މީދޫ ކޯގަންނު ޤަބުރުސްތާން ބެލެހެއްޓުމާއި އައްޑޫސިޓީ ކައުންސިލުން ހަވާލުވެއްޖެއެވެ.

ކޯގަންނު ބެލެހެއްޓުމާއި އައްޑޫ ސިޓީ ކައުންސިލުން ހަވާލުވުމަށް އައްޑު އަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 22 މާރިޗް 2017 ގައި ހުކުމްކޮށްފައެވެ.

މީދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައި ވަނީ ދިވެހި ދައުލަތުގެ ގައުމީ ތަރިކައިގެ އާސާރުތައް ބެލެހެއްޓުމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުން މިދޫ ކޯގަންނު ގަބުރުސްތާން ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ދިނުމަށް ވެސް އަމުރުކޮށްފައެވެ.

މީދޫ މެޖިސްޓްރޭޓް ކޯޓުގެ ނަމްބަރ 24/S1C/2017 ޤަޟިއްޔާގެ ޙުކުމުގައިވަނީ ދިވެހިރާއްޖޭގެ ރަށްތަކުގައި އަމަން އަމާންކަން ގެއްލި މީހުންގެ ފުރާނައާއި ދައުލަތުގެ މުދަލަށް ގެއްލުން ދެމުންދާ ޙުޟޫރަތްތެރި ހާލަތުގައި އެ ސަރަހެއްދެއްގައި ގާއިމުވެ އުފެދިފައިވާ ކައުންސިލް އިދާރާއެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކެއް އެ ހާލަތުގައި ވުޖޫދުވެފައި އޮތުން ޤާނޫނު ލާޒިމުކުރާތީ ސ. މީދޫ ކޯގަންނު ގަބުރުސްތާނުގައިވާ ގަދީމީ މަހާނަ ގާތަކާއި އެތަނަށް ނިސްބަތްވާ އެންމެހާ އާސަރުތައް ހިމާޔަތްކޮށް ރައްކާތެރިވާނެ ގޮތުގެ މަތިން އެ ގަބުރުސްތާނުގައިވާ އެންމެހާ އާސާރީތަންތަން ހިމާޔަތްކޮށް ރައްކާތެރިވާނެ ގޮތެއްގެ މަތިން ބަލަހައްޓަމުން ގެންދިއުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް އަންގާކަމުގައެވެ.

ކޯގަންނު ގަބުރުސްތާނުގައި ހުރި އެންމެ ގިނަދުވަސްވީ މަހާނަގާތަކަށް ގެއްލުން ދީފައިވާތީ އެމައްސަލަ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ އާންމު ފަރާތަކުންނެވެ.

ކޯގަންނު ގަބުރުސްތާނުގައި ހުންނަ މެދުޒިޔާރަތަކީ ޔަމަނުގެ ސަންހާގެ ދަންނަ ބޭކަލެއް ކަމުގައިވާ ސުލައިމާނު ގާދިރުކަލޭގެ ފާނުގެ ސުވަރު ގާދިރު ކަލޭގެ ފާނުގެ އީސާގާދިރު ކަލޭގެ ފާނުގެ އައްޝެއިޚް ހާފިޒު ޔޫސުފުއްނާއިބްގެ އާއިލާ ފަސްދާނުލެވިފައިވާ ޒިޔާރަތެވެ.

ސުލައިމާނު ގާދިރުކަލޭގެ ފާނުންގެ އާއިލާއަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް އިސްލާމް ދީނުގެ މަތިވެރި ހިދާޔަތް ދަސްކޮށް ދެއްވައި ދެކުނުގެ އަތޮޅުތަކުގެ މީހުން އިސްލާމް ދީނަށް ވެއްދި އާއިލާ އެވެ.