ރައްޔިތުންގެ މަޖިލީހުގެ އާއްމު ގަވާއިދަށް އިސްލާހު ހުށަހެޅީ އިދިކޮޅު ފަރާތްތަކަށް ލިބެމުންދާ ކުރިއެރުންފެނި ސަރުކާރު ބަލިކަށިވަމުން ދިއުމާއި ގުޅިގެން ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ މަހުގެ 27 ވަނ ދުވަހު ވޯޓަށް އެހުމާއި ގުޅިގެން ޕާޓީތަކުން ފަށާފައިވާ އިސްލާހީ ހަރަކާތައް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.
އެގޮތުން އެވޯޓާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަހްގައި ވަރަށް ގިނަ ކަންތައްތަކެއް ހިނގައިގެން ހިނގައްޖެ ކަމަށެވެ. އަދި ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފަށް ގިނަ ކަންތައްތަކެއް ސަރުކާރުން ކުރަމުން ދަނީ އެމަސައްކަތް ހުއްޓުވުމުގެ ގޮތުން ކަމަށް ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވާއިރު، އާންމު ކޮމެޓީން މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ ރިޔާސަތު ސަލާމަތްކުރުމަށް ގެނެސްފައިވާ އިސްލާހެއްކަމަށާ، އެހެންކަމުން މިއީ އެދެބޭފުޅުންގެ މަސްލަހަތު އޮތް އިސްލާހެއްކަމަށެވެ.
ސަރުކާރާއި ދެކޮޅު މެމްބަރުން ބުނީ މަޖްލިސްގެ ގަވާއިދަށް ގެންނަން ފާސްކުރި އިސްލާހަކީ ގާނޫނު އަސާސީ އާއި ހިލާފް ނިންމެއް ކަމަށާއި އެހެންވެ އެ އިސްލާހު މަޖްލިސްގައި އެޖެންޑާ ކުރެވިގެން ނުވާނެ ކަމަށެވެ.