ލެސްޓާ ސިޓީގެ ކޯޗުކަމުން ކްލައުޑިއޯ ރަނެއޭރީ ވަކިކުރުމަށްފަހު ކުޅުނު 5 މެޗުން މޮޅުވުމަށްފަހު ރޭ އެވަޓަންއާއި ބައްދަލުކޮށް 4-2 އިން ބަލިވެއްޖެއެވެ.
މެޗުގެ ފުރަތަމަ މިނެޓުގައި އެވަޓަންގެ ޓޮމް ޑޭވީސް ވަނީ ގޯލު ޖަހައި ލީޑު ނަގާފައެވެ. ނަމަވެސް 4 ވަނަ މިނެޓުގައި އިސްލާމް ސްލިމާނީ ވަނީ ލެސްޓާ އަށް ނަތީޖާ އެއްވަރުކޮށްފައެވެ. 10 ވަނަ މިނެޓުގައި މާކް އޮލްބްރައިޓަން ވަނީ ލެސްޓާއަށް ލީޑު ނަގާދީފައެވެ.
އެވަޓަން ވަނީ 23 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫގެ ގޯލަކާއެކު ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. ފުލުފުލުގައި ގޯލު ފެނިގެން ދިޔަ މިމެޗުގެ ފަސްވަނަ ގޯލު 41 ވަނަ މިނެޓުގައި ޖަހާފައިވަނީ އެވަޓަންގެ ކެޕްޓަން ފިލް ޖެގިއެލްކާއެވެ.
މެޗުގެ ފަހު ގޯލު ޖަހާފައިވަނީ ދެވަނަ ހާފުގައި ރޮމެލޫ ލުކާކޫއެވެ. އޭނާގެ ދެވަނަ ގޯލު ޖަހާފައިވަނީ 57 ވަނަ މިނެޓުގައެވެ. ލުކާކޫ ވަނީ ރޭގެ ދެގޯލާއެކު ޕްރިމިއާ ލީގުގެ ޓޮޕް ސްކޯރާއަށް އިތުރު ދެގޯލު އިތުރުކޮށްފައެވެ. ލިސްޓުގެ ކުރި އޭނާ ހޯދާފައިވަނީ 23 ގޯލާއެކުގައެވެ. ދެވަނައިގައި ހެރީ ކޭން އޮތީ 19 ލަނޑު ޖަހައިގެންނެވެ.
ރޭގެ މެޗުން މޮޅުވެ އެވަޓަން އޮތީ 54 ޕޮއިންޓާއެކު ތާވަލުގެ 7 ވަނައިގައި އާސެންލްއާއި އެއްވަރުވެފައެވެ. ލެސްޓާ އޮތީ 11 ވަނައިގައި 36 ޕޮއިންޓާއެކުގައެވެ. ރެލިގޭޝަނާއި ހަނގުރާމަކުރަމުން ދިޔަ ލެސްޓާ މިހާރު އަމާޒު ކުރަމުންދަނީ ގަދަ 10ގައި ހިމެނުމަށެވެ.