Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

"ބައެއް މެންބަރުން އުޅެނީ ޔާމީނާއި ފާތުންގެ ކަންކަމުގައި"

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެންބަރުން މުޅިން ވެސް އުޅުއްވަނީ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ޝުކުރު ދެއްނެވުމުގައާއި އެ ދެ ބޭފުޅުން ބޭނުންވާ ކަންކަން ކޮށްދިނުމުގައި ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވަނީ ރާއްޖެ ހަމަ މަގަށް އެޅުވުމަށް މަޖިލީހުގެ ޒިންމާ ވަރަށް ބޮޑު ކަން ފާހަގަކުރައްވާފައެވެ.

ނިޒާރު ވިދާޅުވި ގޮތުގައި އެ ޒިންމާ އަދާނުކުރެވިގެން އުޅެނީ މަޖިލީހުގެ މެމްބަރުންނަށް ކަންކަން ނޭނގިގެން ނޫން ކަމަށެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރު މުޅިންވެސް ތިޔައުޅުއްވަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ޝުކުރު ދެއްނެވުމުގައާއި އެ ދެ ބޭފުޅުން ބޭނުންވާ ކަންކަން ކޮށްދިނުމުގައި. -އަލީ ނިޒާރު

ނިޒާރު ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ ގަވައިދުގެ 175 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ކުރެވޭ މަސައްކަތަކީ މަޖިލީހުގެ ނިޒާމު ފުނޑާލުން ގޮތުގައެވެ.

ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން މަޖިލީހަށް ވަޑައިގެން ތި ތިއްބެވީ ކުފޫ ހަމަވެގެންތޯ ސުވާލު އުފައްދަވަމުން ނިޒާރު ވިދާޅުވި ގޮތުގައި އެބޭފުޅުން ކަންތައް ކުރަނީ މޮޔައިން ކަންކުރާހެން ކަމަށެވެ.

ރާއްޖެއަށް ތަރައްގީ ގެންނަ ކަމަށް ވިދާޅުވާއިރު ސަރުކާރުން ކޮރަޮޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައް ކުރަމުންގެންދާ ކަމަށާއި އެހެން ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތްކަމަށް ނިޒާރު ވިދާޅުވިއެވެ.