Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

މިއީ ނާކާމިޔާބީއެއް ނޫން، ހިތްވަރު ބަލި ނުކުރޭ: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް. ފޮޓޯ: އަވަސް

މިއަދު މަޖިލީހުން ރިޔާސަތު "ސަލާމަތް" ކުރުމަށް ފާސްކުރި އިސްލާހަކީ ނާކާމިޔާބީއެއް ނޫން ކަމަށާއި އެއިންވެސް އެނގިގެން ދަނީ ސަރުކާރު ބަލިވެފައި އޮތް މިންވަރު ކަމަށާއި ހިތްވަރު ބަލި ނުކުރެއްވުމަށް ރައީސް މައުމޫން ގޮވާލައި ފިއެވެ.

މައުމޫން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު ސަރުކާރުގެ ބަލިކަށިކަން ފެނިގެން ގޮސްފައިވާ ކަމަށާއި އިރާދަކުރެއްވިއްޔާ މިމަސައްކަތް ވަރަށް އަވަހަށް ކާމިޔާބުކުރާތަން ފެނިގެންދާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

"އިދިކޮޅު މެމްބަރުން ދެއްކެވި ހިތްވަރަށް ސާބަސް ދަންނަވަން. މިއީ ކާމިޔާބީއެއް. މިއަދު ވަނީ ސަރުކާރުގެ ބަލިކަށިކަން ފެނިގެން ގޮސްފައި. އިރާދަކުރެއްވިއްޔަ މިކަން ކާމިޔާބުކުރާނީ އަޅުގަނޑުމެން."

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުށައެޅޭނީ އެންމެ މަދުވެގެން 42 މެމްބަރުންގެ ސޮއި ހުށައެޅުމުން ކަމަށް ފާސްކޮށްފައެވެ.

އިދިކޮޅު މެމްބަރުން ވަނީ މިއިސްލާހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މިއީ ޑިމޮކްރަސީއާއި މުޅިން ޚިލާފު އިސްލާހެއް ކަމަަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.