Last Updated: June 24, 13:09
Wednesday, June 24, 2026
ޚަބަރު

"ލަނޑު ޖަހަނިކޮށް ވެސް ގޯލް އެއް ފަރާތްކޮށްފާނެ"

ޔުމްނާ މައުމޫން: ފޮޓޯ: ވީނިއުސް

އިންސާފްވެރި ރެފްރީއެއް ނެތް މެޗެއްގައި ކުޅުންތެރިން ވަރަށް ހުށިޔާރު ވާން ޖެހޭނެ ކަމަށާއި ލަނޑު ޖަހަނިކޮށް ވެސް ގޯލް އެއްފަރާތަށް ޖައްސަފާނެކަމަށް ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ 31 މެމްބަރުންގެ ސޮޔާއި އެކު މަޖްލިސްއަށް ހުށަހަޅާފައިވަނިކޮށް މަޖްލިސްގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖްލިސްއަށް ދެން ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއި އެކު ކަމަށް މިއަދު މަޖްލިސްއިން ފާސް ކުރުމާއި ގުޅިގެން ޔުމްނާ ވިދާޅުވީ މެޗެއްގެ މެދުތެރެއިން ގަވާއިދު ބަދަލު ކުރުމަކީ ކޮންކަހަލަ ކަމެއްތޯ އެވެ.

"މެޗްގައި އިންސާފްވެރިކޮށް ކުޅެވޭނެ ފުރުސަތެއް ނެތިއްޔާ މެޗްގައި ބައިވެރިނުވުން ރަނގަޅުކަމަށެވެ."

މަޖިލިހުގެ ރިޔާސަތު ބަދަލު ކުރަން ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް ގަވައިދަށް ސަރުކާރުގެ މެޖޯރިޓީ އޮންނަ ކޮމިޓީއަކުން އިއްޔެ ކުއްލިއަކަށް ގެނައި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ އިއްތިފާގުންނެވެ.

މި ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނީ މި އިސްލާހަކީ ގާނޫނު އަސާސީ އާއި ހިލާފް އިސްލާހެއް ކަމަށެވެ.