ގައުމީ އެއާލައިން މޯލްޑިވިއަންއިން ގަމުން ޓްރެވިންޑްރަމް، ޗެއްނާއި، ބެންކޮކް، ބަންގަލަދޭޝްގެ ޑާކާއަށް ހާއްސަ ދަތުރުތައް ފަށައިފި އެވެ.
އައިލެންޑް އޭވިއެޝަންގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަޝާތު ވިދާޅުވީ މިފެއާގެ ދަށުން ގަމުން ދަތުރު ކުރާ ފަރާތްތަކަށް ކަނެކްޗަން ފްލައިޓްތައް ހަމަޖައްސާފައިވަނީ އެންމެ ވަގުތު ސަލާމަތް ކުރެވޭނެ ގޮތް ބަލައިގެންކަމަށެވެ.

އެގޮތުން ގަމުން ޓްރެވިންޑްރަމްއަށް 286 ޑޮލަރަށް ދަތުރުކުރެވޭއިރު ޗެއްނާއީ އާއި ގަން ދެކޮޅު ޓިކެޓްގެ އަގަކީ އެންމެ 328 ޑޮލަރަށެވެ. ބެންކޮކް ގަން ދެކޮޅު ޓިކެޓް 492 ޑޮލަރަށް ވިއްކާއިރު ބަންގްލަދޭޝްގެ ޑާކާއަށް ގަމުން ދެކޮޅު ޓިކެޓެއް ވިއްކަނީ 545 ޑޮލަރަށެވެ.
ނަޝާތު ވިދާޅުވީ މި ފެއާ ކުރިއަށް ގެންދާނެކަމަށާއި ކުރިމަގުގައި މާލެއިން ކޮލަމްބޯއަށް ދަތުރު ފެށުމުން އެކަނެކްޓިވިޓީވެސް ގަމުން ދޭނެ ކަމަށެވެ.
ގަމުން ޓްރެވިންޑްރަމްއަށް އަދި ޗެއްނާއީ، ބެންކޮކް އަދި ޑާކާއަށް ދަތުރު ކުރެވޭނެ އިންތިޒާމް މޯލްޑިވިއަންއިން ހަމަޖެއްސި އިރު މިދިޔަ އަހަރުގެ ޑިސެމްބަރ 1 ވަނަ ދުވަހުން ފެށިގެން ގަމާއި ކޮލަމްބޯ އާއި ދެމެދު ދަތުރު ފެށުމުން ގިނަ ބަޔަކު މި މަންޒިލްތަކަށް ދަތުރު ކުރަނީ ސްރީލަންކަންއިންނެވެ.