މިއަދު ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން ފެންނަމުންދާ މަންޒަރަކީ ގާނޫނު އަސާސީ ރޭޕް ކުރަމުންދާ މަންޒަރު ކަމަށް އަދާލަތް ޕާޓީގެ ސްޕޯކްސްޕާސަން އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މ.ކުނޫޒްގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަމުން އަލީ ވިދާޅުވެފައިވަނީ މިފަދަ ބަހެއް ބޭނުން ކުރަން ލަދުވެތިވާ ކަމަށާއި އެހެން ނަމަވެސް މިއަދު މިއީ ބުނަން ޖެހިފައިވާ ބަހެއް ކަމަށް ދެކޭ ކަމަށެވެ.
"މިފެނިގެން ދަނީ ގާނޫނު އަސާސީ ރޭޕް ކުރަމުންދާ މަންޒަރު. މިއީ ހަގީގަތް. މިފަދަ ބަހެއް ބޭނުން ކުރަން ލަދުވެސް ގަނޭ އެހެން ނަމަވެސް މިއީ ހަގީގަތް، މިވާހަކަ ދައްކަން ޖެހޭ"
ޖަލްސާގައި އިތުރަށް ވާހަކަ ދައްކަމުން އަލީ ވިދާޅުވެފައިވަނީ ދައުލަތުގެ ބަޖެޓުން ހިންގާ ޕްރޮޖެކްޓުތައް ހިންގުމުގައި މިނިސްޓްރީއިން ފަރުވާކުޑަ ކުރާ ކަމަށާއި ރައްޔިތުންގެ ލާރިން ބެލުމެއް ނެތި ޚަރަދު ކުރާއިރު ސާވޭތައް ހަދައި ބަލަން ޖެހޭ ބެލުންތައް ނުހެދުމަކީ ސަރުކާރާއި މިނިސްޓްރީ ޒިންމާ ވާންޖެހޭ ކަމެއް ކަމަށެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި 42 މެމްބަރުންގެ ސޮޔާއެކު ނޫން ގޮތަކަށް މަޖިލީހަށް މަޖިލިސްގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ހުށަނޭޅޭނެ އިސްލާހަށް އިދިކޮޅު ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށާއި ސަރުކާރު ތަމްސީލު ކުރާ މެމްބަރުންނަށް އަމާޒުވެފައެވެ.