Last Updated: June 30, 09:21
Tuesday, June 30, 2026
ޚަބަރު

ކައިވެނި ކުރަން އެންމެ ރަނގަޅު އުމުރަކީ ކޮބާ؟

މީހަކާ އިންނަން އެބަ ވިސްނަން ހެއްޔެވެ؟ ކައިވެނި ކާމިޔާބު ވާނެކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލުތަކަށް ޖަވާބު ހޯދުމަށްޓަކައި މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހޭނެ އެވެ. ތިމާގެ އުމުރަށް ބަލައިލުމުން އެ ކަންތައްތައް އެނގިގެން ދާނެ އެވެ.

ކައިވެނި ކުރާ އުމުރާއި ވަރިވުމަށް މަގުފަހިވުމާ ގުޅުމެއް ވާކަމަށް ދިރާސާވެރިން ބުނެ އެވެ.

ވަރަށް ޒަމާނުއްސުރެ އަޑު އިވެމުން އަންނަ އެއް ވާހަކަ އަކީ ދިރިއުޅުމުގައި ލަހުން ކައިވެނި ކުރާ މީހުންގެ ކައިވެނިތައް، ހަގު އުމުރުގައި ކައިވެނި ކުރާ މީހުންނަށް ވުރެ ކާމިޔާބުވާ ވާހަކަ އެވެ.

މި ވިސްނުމަށް ބަލާ އިރު ފުރާވަރު އުމުރުގައި ކައިވެނި ކުރުމަކީ ވަރި އަށް މަގުފަހިވުމުގެ ފުރުސަތު ބޮޑު ކުރާ ކަމެކެވެ. ވިސްނާލުމުން މިއީ ރަނގަޅު ވާހަކައެއްކަން އެގިގެން ދާނެއެވެ.

އެއީ ފުރާވަރު ދުވަސްވަރުގައި އާންމުކޮށް މާލީ ގޮތުން އެހާ ތަނަވަހެއް ނުވާނެ އެވެ. އަދި ހަމަ އެއާއެކު މުސްތަޤްބަލާ ބެހޭ ގޮތުން ވެސް ގިނަ އަދަދެއްގެ ސުވާލުތަކެއް ހިތުގައި ވާނެއެވެ.

ހަމަ އެހެންމެ އާއިލާ އާއި ރައްޓެރިންނާއި ވަޒީފާ އަދާ ކުރާ މާހައުލުންނާއި ސްކޫލުން ވެސް އެކިއެކި ގޮތްގޮތުން ޕްރެޝަރު ކުރާނެ އެވެ.

މީގެ އިތުރުން ފުރާވަރުގެ ގިނަ ކުދިންނަކީ ޒަވާޖީ ޙަޔާތުގައި ދިމާވާ ގޮންޖެހުންތަކާއި ބެހޭގޮތުން އެއްވެސް ވަރެއްގެ ތަޖުރިބާ އެއް ލިބިފައިވާ ބައެއް ނޫނެވެ.

އެހެންކަމުން މި ހުރިހާ ސަބަބުތަކަކާއި ހުރެ، އެހާ ހަނގު އުމުރުގައި ކައިވެންޏެއް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ކައިވެނި ކުރުން ކުޑަކޮށް ފަސްކޮށްލުމެވެ. އުމުރުން 20 އަހަރުގައި ކައިވެނި ކުރާ މީހަކާއި އަޅާބަލާއިރު، އުމުރުން 25 އަހަރުގައި ކައިވެނި ކުރާ މީހެއްގެ ކައިވެނި ރޫޅުމުގެ ފުރުސަތު 50 އިންސައްތަ ދަށްވެގެންދެއެވެ.

މިހާތަނަށް ކުރެވިފައިވާ ދިރާސާތަކުން ދައްކާ ގޮތުން އުމުރުން ގިނަ ދުވަސްކޮށްފައި ކައިވެނި ކުރާނަމަ ވަރިވުމުގެ ފުރުސަތު ވެސް ދަށްވެ އެވެ.

ފުރާވަރުގެ ބަދަލުގައި ތަންކޮޅެއް ފަހުން ކައިވެނި ކުރާ މީހުންގެ ކައިވެނިތައް ރޫޅުމުގެ ފުރުސަތު ކުޑަވާނެ ކަމުގެ ވާހަކަ އަކީ ވެސް ބުއްދިއަށް ޤަބޫލުކުރަން ފަސޭހަ ވާހަކައެކެވެ.

އެއީ އުމުރުން ދުވަސްކޮށްފައި ކައިވެނި ކުރާއިރު، ކައިވެނި ކުރާ ދެފަރާތްވެސް ވާނީ މާލީ ގޮތުން ހަމަޖެހިފައި، އަދި ދިރިއުޅުމުގެ މަޤްސަދާއި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި ބެހޭގޮތުން ވެސް އެމީހަކަށް ހުންނާނީ ރަނގަޅަށް ވިސްނިފައެވެ.

މީގެ އިތުރުން ލޯބީގެ ގުޅުމެއް ދަމަހައްޓާނެ ގޮތުގެ ތަޖުރިބާވެސް ހުންނާނީ ކޮންމެވެސް ވަރަކަށް ލިބިފައެވެ.

މިހާރު ވަނީ ކިހިނެތް؟

ސޯޝިއޮލޮޖިކަލް ރިސާޗާއެއް ކަމަށްވާ ނިކޮލަސް ވުލްފިންގާ ވަނީ މުޅިން އާ ހަޤީގަތެއް ހޯދައިފަ އެވެ. ނެޝަނަލް ސާވޭ އޮފް ފެމިލީ ގްރޯތު (އެންއެސްއެފްޖީ) ގެ 2006-2010 ވަނަ އަހަރާ ދެމެދުގެ ޑޭޓާ ބޭނުންކޮށްގެން އޭނާ ކުރި ދިރާސާއިން ދައްކާފައިވާ ގޮތުގައި އުމުރުން މެދު 30ގެ އަހަރުތަކުގައި ކައިވެނި ކުރުމަކީ ފަހު 20ގެ އަހަރުތަކުގައި ކައިވެނި ކުރުމަށް ވުރެ ރިސްކް ބޮޑު ކަމެކެވެ.

ކައިވެނި ކުރުމަށް އެންމެ ރަނގަޅު އުމުރަކީ އުމުރުން 28-32 އަހަރާ ދެމެދު އެވެ.

އެ ރޭންޖަށް ވުރެ ކުރިން ވަރީގެ ރޭޓްތައް ދަނީ އަދިވެސް ދަށްވަމުންނެވެ.

އެހެން ނަމަވެސް އެ ރޭންޖަށް ވުރެ މައްޗަށް އުމުރު ދާ ވަރަކަށް ވަރިވާ މިންވަރު ދަނީ އިތުރު ވަމުންނެވެ.

ސްލޭޓް މެގެޒިން އިން މި އާ ހޯދުންތަކަށް ދީފައިވާ ނަމަކީ "ގޯލްޑިލޮކްސް ތިއޮރީ އޮފް މެރިޖް" އެވެ.

މާ އަވަހައަށް ކައިވެނި ކުރުމަކީ ވަރިވާ މިންވަރު އިތުރުވެގެންދާ ކަމެކެވެ. ހަމަ އެހެންމެ މާ ލަހުން ކައިވެނި ކުރުމަކީ ވެސް އެފަދަ ޙާލަތެއް ކުރިމަތި ކުރުވާ ކަމެކެވެ.

މިހެން މިވަނީ ކީއްވެގެން ބާވައެވެ؟ އެކަމުގެ ޖަވާބެއް ވުލްފިންގާ އަކަށް ސީދާ ނޭނގެއެވެ. 2011 އާއި 2014 ގެ އެންއެސްއެފްޖީ ޑޭޓާ ދިރާސާކުރުމުންވެސް ލިބިފައި ވަނީ އޭގެ ކުރިން ހޯދި ހޯދުމާއި އެއްގޮތް ނަތީޖާ އެކެވެ.

ފުރާވަރު އުމުރުގައި ކައިވެނި ކުރާ މީހުންގެ ކައިވެންޏަށް ފަސް އަހަރު ފަހުން، އެމީހުން ވަރިވުމުގެ ފުރުސަތަކީ 38 އިންސައްތަ އެވެ.

އުމުރުން ކުރީ 20ގެ އަހަރުތަކުގައި ކައިވެނި ކުރާ މީހުންގެ ކައިވެނިތައް ރޫޅުމުގެ ފުރުސަތަކީ 27 އިންސައްތަ އެވެ. އެހެންނަމަވެސް، މި ދެ ގްރޫޕާއި އަޅާބަލާއިރު އުމުރުން 25 އާއި 29 އަހަރާއި ދެމެދު ކައިވެނި ކުރާ މީހުންގެ ޑިވޯސް ރިސްކް އަކީ އެންމެ 14 އިންސައްތަ އެވެ.

އުމުރުން 30-34 އަހަރާ ދެމެދު ކައިވެނި ކުރާ މީހުންގެ ރިސްކަކީ 10 އިންސައްތަ އެވެ.

މީގެ އިތުރުން އުމުރުން 35 އަހަރުގައި އަލަށް ކައިވެނި ކުރާ މީހުންގެ ކައިވެންޏަށް ފަސް އަހަރު ފަހުން އެމީހުންގެ ކައިވެނި ރޫޅުމުގެ ފުރުސަތު 17 އިންސައްތަ މައްޗަށް ދެއެވެ.

ޖުމްލަ ގޮތެއްގައި ވުލްފިންގާގެ ދިރާސާތަކުން ހޯދާފައިވާ ގޮތުގައި އުމުރުން މެދު 20ގެ އަހަރުތަކަށްވުރެ ކުރިންނާއި މެދު 30ގެ އަހަރުތަކަށްވުރެ ފަހުން ކައިވެނި ކުރުމަކީ ވަރިވުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެކެވެ.

އެހެންކަމުން ކައިވެނި ކުރަން އެންމެ ރަނގަޅީ އުމުރުން މެދު 20ގެ އަހަރުތަކާއި މެދު 30 ގެ އަހަރުތަކާ ދެމެދު އެވެ.