Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

އޯވަބުކް ކުރި ފްލައިޓަކުން ޕެސެންޖަރަކު ގަދަކަމުން ބާލައިފި

ޔުނައިޓެޑް އެއާލައިންސްއިން އޯވަބުކް ކުރި ފްލައިޓަކުން ދަތުރު ކުރަން ހަމަޖެހިފައިވާ ޕަސެންޖަރަކު ބޯޓުން ނުފޭބުމުން ސެކިއުރިޓީ އޮފިސަރުން އޭނާ ބޯޓުގައި ދަމަމުން ބޯޓުން ބާލައިފި އެވެ.

އެއާލައިންތަކުން ފްލައިޓްތައް އޯވާބުކް ކުރުމަކީ އާންމު ކަމެކެވެ.

ބައެއް ފަހަރު ކަސްޓަމަރުން ދަތުރަށް ނައުމަކީ އާންމު ކަމަކަށް ވުމުން އެއާލައިންތަކުން ފްލައިޓް މުޅިން ބުކްވެފައިވި ނަމަވެސް ސީޓްތައް ވިއްކާ ހަދަ އެވެ.

އިއްޔެ ހިނގި މި ހާދިސާގައި ހަތަރު ޕަސެންޖަރަކަށް ފްލައިޓު ފުލްވެ، ޖާގަ ނުލިބުނެވެ. ތިން މީހަކު އެންގުމުން ފައިބައިގެން ދިޔަ އިރު އެކަކު ވަނީ ފޭބުމަށް ދެކޮޅު ހަދައިފަ އެވެ.

އޭނާއާ މެދު އެއާލައިނުން ކަންކުރި ގޮތާ މެދު ފްލައިޓުގައި ތިބި މީހުންނާއި ސޯޝަލް މީޑިޔާގައި ވީޑިއޯ ބެލި މީހުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ފައެވެ.

ޔުނައިޓެޑް އެއާލައިންސް އިން ވަނީ އޯވަބުކް ކުރުމުން މައާފަށް އެދި ފައެވެ.

އެހެން ނަމަވެސް ކަސްޓަމަރާ މެދު ކަންތައް ކުރި ގޮތާމެދު އެއާލައިނުން މައާފަށް އެދިފައެއް ނުވެ އެވެ.

އެއާލައިނުގެ ސްޕޯކްސްޕާސަން ނިއުޔޯކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އެމީހާ ކައިރީގައި ސީޓް ދޫކޮށްލުމަށް ތަކުރާރުކޮށް އެދުނު ކަމަށާއި އެކަމަށް އެއްބަސް ނުވުމުން ބާރުގެ ބޭނުން ކުރަން އެއާލައިނަށް މަޖުބޫރުވީ ކަމަށް އޭނާ ބުނެފައިވެ އެވެ.