Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

"އެލްޖީއޭގެ ބޯޑަށް ބަދަލު ގެންނަނީ ރައީސަށް ބާރުތައް ޖަމާކުރަން"

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގައި ތިއްބަވާ ހުރިހާ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މީހުން ތިބޭ ބައެއް ގޮތަށް ބަދަލުކުރަަން ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައިވާތީ އެކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވި ގޮތުގައި އެލްޖީއޭގެ ބޯޑަށް ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ ރައީސް ޔާމީން ބާރުތައް ޖަމާކުރުން ކަމަށެވެ.

ސަރުކާރުން ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ ރައްޔިތުންގެ ފާއިދާއަށް ނޫން ކަމަށާއި އެއީ ސަރުކާރަށް ފާއިދާ ވާ ގޮތަށް ވަރަށް ނުބައި މަގްސަދެއްގައި ނިންމާ ނިންމުންތަކެއް ކަމަށް ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ.

"މިބިލްގެ މައިގަނޑު ބޭނުމަކީ ރައީސް ޔާމީން ބާރުތައް ޖަމާކުރުން. އެލްޖީއޭ ބޯޑު މިއޮތްގޮތަށް އެކުލަވާލައިފިއްޔާ ކުރިއަށް އޮތްތާނގައި ކައުންސިލްތަކަށް ވަރަށް ކުރައްކާވާނެ. ސަރުކާރާއި އެލްޖީއޭގެ ޖެއްސުން ކުރުންތައް ކައުންސިލަށް އަންނާނެ."

ނިޒާރު ވިދާޅުވި ގޮތުގައި މަޖިލީހުން ގެންނަ މިފަދަ އިސްލާހުތަކުގެ ސަބަބުން ސަރުކާރުން ބޮޑެތި ޖަރީމާތަކެއް ހިންގަމުން ގެންދާ ކަމަށެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވާ ގޮތަށް އެލްޖީއޭ ބޯޑު އެކުލަވާލައިފި ނަމަ ކުރިއަށް އޮތްތަނުގައި ކައުންސިލްތަކަށް ސަރުކާރާއި އެލްޖީއޭގެ ޖެއްސުންތައް ކުރިމަތިވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.