ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާޙު ކުރެއްވި މެންބަރުންގެ ހަމަ ބުއްދި ކޮބައިތޯ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ސުވާލު ކުރައްވައިފިއެވެ.
މައުމޫން މިހެން ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް ނުވަަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް މަދުވެގެން 42 ވޯޓު ހޯދަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.
" ގާނޫނުއަސާސީގައި ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމުގެ ގަރާރު 29 މެމްބަރުންގެ ސޮޔާއެކު ހުށަހެޅިދާނެ ކަމަށް.އެކަމަކު މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ ހުށަހަޅަން މި ޖެހެނީ 42 މެމްބަރުންގެ ސޮޔާ އެކު. ހަމަބުއްދި ކޮބައިބާ؟" މައުމޫން ކުރެއްވި ޓުވީޓްގައި ވެއެވެ.
މަޖިލީހުގެ ގަވާއިދަށް ކުއްލިއަކަށް ގެނައި އިސްލާހު މައޖިލީހުގެ އިއްޔެގެ ޖަލްސާގައި ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ އިއްތިފާގުންނެވެ. މި ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
މީގެ ކުރިން މަޖިލިހުގެ ގަވައިދުގައި އޮންނަ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ 15 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާ އެކު އެވެ.