Last Updated: July 27, 18:03
Monday, July 27, 2026
ސިޔާސީ

މާލޭގެ ވަށައިގެން މިހާރު ފެންނަނީ ތަރައްގީ: އައިބީ

ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމްދީދީ ޕީޕީއެމްގެ ފަރާތުން ކައުންސިލަށް ވާދަކުރައްވާ އަލީ ހަނީޒުގެ ކެމްޕެއިން ރެލީއެއްގައި .

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއި އެކު އުޅެވޭނެ ގޮތް ތަނަވަސްކޮށްދީފައިވާ ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ(އައިބީ) ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވި ގޮތުގައި ސަރުކާރުން ގެންދަވަނީ މަގުތައް އަމާންކުރުމަށާއި އިޤްތިޞާދު ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. ތަރައްޤީއަށް ސަރުކާރުން މަސައްކަތް ކުރައްވާކަން ފާހަގަކުރައްވައި އައިބީ ވިދާޅުވި ގޮތުގައި މާލެ ވަށައިގެން ބަލާލުމުން ފެންނަނީ ތަރައްޤީ ކަމަށެވެ.

މި އޮތް ބޮޑު މާލޭގެ ވަުށައިގެން އަޅުގަނޑުމެންނަށް މި ފެންނަނީ ތަރައްޤީ. -މެންބަރު އައިބީ-

"މި އޮތް ބޮޑު މާލޭގެ ވަށައިގެން އަޅުގަނޑުމެންނަުށް މި ފެންނަނީ ތަރައްޤީ.ރާއްޖޭގެ ހއ. ތުރާކުނުން ފެށިގެން އައްޑޫ ސީޓިއާ ހަމައަށް ތަރައްޤީގެ ދެތިންހަތަރު ޕްރޮޖެކްޓެއް ނުހިނގާ އެއް ތަނެއް ވެސް ނެތޭ." އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވި ގޮތުގައި މިހާރު އޮޑިދޯނިފަހަރު ކަނޑުމަތި ނާޅާ ކަމަށާއި މިހާރު ކަނޑުމަތިން އަޅަނީ ޕްރޮޖެކްޓްތައް ކަމަށެވެ. އެގޮތުން ގޮސް ލައްވާލަނީ އުފުލިޔެއްގައި ނުވަތަ ބާޖެއްގައި ކަމަށާއި ކަނޑުމަތީގައި ދަތުރުކުރުމަށް މިހާރު ބިރެއް ނެތް ކަމަށެވެ.

"މިހާރު އަޅަނީ ކަނޑުމަތިން ޕްރޮޖެކްޓުތައް. ހިފައިގެން އަންނަ ބޯޓެއްގައި ލައްވައިލަނީ. ނޫނިއްޔާ އުފުލީގައި ނޫނިއްޔާ ކޮންމެވެސް ބާޖެއްގައި ޖެހެނީގޮސް އެއްޗެއް. ބިރުވެރިކަމެއް ނެތް މިހާރު ކަނޑުމަތީ ދަތުރުކުރުމަށް."

އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް އައިބީ ވިދާޅުވި ގޮތުގައި އެބޭފުޅުން އުޅުއްވަނީ ހަޖަމުނުވެގެން ކަމަށާއި މި ގައުމުގައި ހަތަރު ފަސް ރައީސުން ލައިގެން ތަރައްގީ ނުކުރެވޭނެ ކަމަށެވެ.

އައިބީ ވިދާޅުވި ގޮތުގައި ޑިމޮކްރަސީއާއި ގާނޫނު އަސާސީގައި އޮތް ގޮތަށް ވެރިކަން ކުރަން އެބަޖެހޭ ކަމަށާއި ބާރުތައް އޮންނާނީ ގައުމުގައި ހުންނަ ރައީސަށް ކަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރިޔަސް ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ނުކުރެވޭނެ ކަމަށް ވެސް އައިބީ ވަނީ ވިދާޅުވެފައެވެ.