ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހާ ހަމައަށް އެކޮލެޖުން އިތުރުކޮށްފި އެވެ.
މޭމަހުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވިލާ ކޮލެޖުން އިތުރުކޮށްފައިވަނީ އިތުރު ކުދިން ކުރިމަތިލުމަށް ބޭނުންވެ އެކުދިންނަށް އެފުރުސަތު ހޯދައިދިނުމަށެވެ.
ކުރިން އިއްޔެގެ ނިޔަލަށް ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވިލާ ކޮލެޖުން ވަނީ ހުޅުވާލައިފަ އެވެ.
ކޯސްތަކަށް ފީ ދެއްކުމަށް މޯލްޑިވްސް އިސްލާމިކް ބޭންކު މެދުވެރިކޮށް ކިޔެވުމުގެ ފުރުސަތުވެސް ވިލާ ކޮލެޖުން ވަނީ ހުޅުވާލައިފަ އެވެ.
އަންނަ މަހު 54 ކޯހެއް ފެށުމަށް ވިލާ ކޮލެޖުން ތައްޔާރުވަމުން އަންނައިރު މާސްޓާސް އަށް ކިޔައިވައިދޭ ހަ ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ސެޓްފިކެޓް ފެންވަރުގެ ތިން ކޯހަކާއި، ޑިގްރީ ފެންވަރުގެ 14 ކޯހަކާއި، އެޑްވާންސް ޑިޕްލޮމާ ފެންވަރުގެ ދެ ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ ހަ ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ ނުވަ ކޯހަކާއި އަދި ސެޓްފިކެޓް ފެންވަރުގެ އަށް ކޯސް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއްހާހަށް ވުރެ ގިނަ ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވާއިރު އަންނަ ސެމިސްޓާގައި ވިލާ ކޮލެޖުގެ ކެމްޕަސް ނުހުންނަ ރަށްތަކުގައި ވެސް ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ވަރަށް ކުދިން ހަމަވެއްޖެ ނަމަ ކޯސް ކުރިއަށް ގެންދަން ވިލާ އިން އޮތީ ތައްޔާރަށެވެ.