Last Updated: June 30, 09:27
Tuesday, June 30, 2026
ޚަބަރު

ކުދިން ސްކޫލަށް ވައްދާނީ ކޮން އުމުރެއްގައި؟

ރާއްޖޭގެ ގިނަ ސްކޫލްތަކުން ކުޑަކުދިން، އެ ކުދިންގެ އުމުރުން ދެ އަހަރާއި ބައިވާހާ އަވަހަށް ސްކޫލަށް އެންރޯލް ކުރަން ފަށަ އެވެ. އެހެން ނަމަވެސް އެ އުމުރުފުރައަކީ ދަރިފުޅު ސްކޫލަށް ދާން ތައްޔާރުވެފައިވާ ކަމުގެ އަލާމާތެއް ނޫނެވެ.

ދަރިފުޅު ސްކޫލަށް ވެއްދުން އެންމެ ރަނގަޅު އުމުރަކީ ކޮބައިތޯ ކަމާމެދު ރާއްޖޭގެ ގިނަ ބެލެނިވެރިން ވާހަކަ ދައްކަ އެވެ.

މައިގަނޑު ގޮތެއްގައި އެހެން އެ ވަނީ އެހާ ކުޑަ އުމުރުގައި ކުޑަކުދިން ސްކޫލަށް ވެއްދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވަރަށް ގިނަ ދިރާސާތަކުން ދައްކާފައިވާތީ އެވެ.

ދާދި ފަހުން އާންމު ކުރެވުނު ދިރާސާއަކުން މި ވާހަކަ ވަނީ އަލުން ސާބިތުކޮށް ދީފަ އެވެ.

އެގޮތުން ސްޓޭންފޯޑް ޔުނިވާސިޓީ އިން ދާދިފަހުން ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކުއްޖާގެ އުމުރުން ހަ އަހަރުގައި (ފަސް އަހަރުގެ ބަދަލުގައި) ކިންޑާގާޓެން ސްކޫލްތަކަށް ވެއްދުމަށް މަޑުކުރާ ބެލެނިވެރިންގެ ދަރިން، އެއަށްވުރެ ކުރިން ސްކޫލަށް ވެއްދި ކުދިންނަށްވުރެ މޮޅު ކަމަށެވެ.

ލަހުން ސްކޫލަށް ވެއްދި ކުދިން، އުމުރުން 7-11 އަހަރާ ދެމެދުގެ އުމުރުފުރާ އަށް ދާއިރު، އެކުދިންގެ ޓެސްޓް ސްކޯތައް އިތުރަށް ރަނގަޅުވެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ބާރުވެސް ގަދަ ކަމަށް ދިރާސާއިން ވަނީ ދައްކާފަ އެވެ.

ސައިކޮލޮޖިސްޓުން ދެކޭ ގޮތުގައި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ހިންގުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މި ސިފަ ކުދިންގެ ގައިގައި އަށަގަންނަން ފަށަނީ އެކުދިންގެ ދިރިއުޅުމުގެ ފުރަތަމަ އަހަރުތަކުގައި އެވެ.

މި ސިފަ ބޮޑަށް އަށަގަނެފައިވާ ކުދިންނަކީ ވަގުތު މެނޭޖް ކުރުމާއި، ކަންކަމަށް ބޮޑަށް ސަމާލުކަން ދޭން ދަންނަ ކުދިންނެވެ.

ބިޒްނަސް އިންސައިޑާ ގައި ވާ ލިޔުމެއްގައި ބުނެފައިވާ ގޮތުން، އެންމެ ފަހުން ކުރެވުނު ދިރާސާގެ އިސްވެރިން ކަމަށްވާ ތޯމަސް ޑީ އާއި ހާންސް ހެންރިކް ސީވާޓްސެން ވަނީ އެމީހުންގެ ޑޭޓާ ހޯދުމަށްޓަކައި ޑެނިޝް ނޭޝަނަލް ބާތު ކޯހޯޓް (ޑީއެންބީސީ)ގެ ދިރާސާ ބޭނުން ކޮށްފައެވެ.

އެ ދިރާސާގައި އުމުރުން ހަތް އަހަރުގެ 54،241 ކުދިންގެ މައިންބަފައިންނާއި އުމުރުން 11 އަހަރުގެ 35،902 ކުދިންގެ މައިންބަފައިންގެ ޖަވާބުތައް ހޯދާފައި ވެއެވެ.